28 Jul 2011, 10:29
ރާއްޖޭގައި ޕްރެސް ކޮމްޕްލެއިންޓްސް ކޮމިޝަނެއް [ނޫސްވެރިކަމާ ގުޅޭ ޝަކުވާތައް ބަލައިގަންނަ ކޮމިޝަނެއް] ގާއިމް ކުރުމަށް ޓެކްނިކަލް އެހީ ދިނުމަށް ސްރީލަންކާގެ އެފަދަ ދެ އިންސްޓްޓިއުޝަން ކަމަށްވާ ސްރީލަންކަން ޕްރެސް އިންސްޓްޓިއުޝަން [އެސްއެލްޕީއައި] އާއި ޕްރެސް ކޮމްޕްލެއިންޓްސް ކޮމިޝަން އޮފް ސްރީލަންކާ ]ޕީސީސީއެސްއެލް[ އިން ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[އާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ސްރީލަންކާގެ ނޫހަކުން ބުނެފި އެވެ.
ރާއްޖޭގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން ޓެކްނިކަލް އެހީތެރިކަން ހޯދައިދިނުމަށް ވެސް އެދެ އިންސްޓްޓިއުޝަނުން ވަނީ އެމްޖޭއޭއާ އެކު އެއްބަސްވެފައި ކަމަށް ސްރީލަންކާގެ ޑެއިލީ މިރާ ނޫހުން މިއަދު ބުންޏެވެ. އެނޫސް ބުނި ގޮތުގައި މިއެއްބަސްވުންތައް ވެފައި ވަނީ އެމްޖޭއޭގެ ވަފުދެއް ދާދިފަހުން އެސްއެލްޕީއައި އަށް ކުރި ޒިޔާރަތެއްގަ އެވެ.
އެމްޖޭއޭގެ ފަރާތުން ސްރީލަންކާ އަށް ދިޔަ ވަފުދުގައި ހިމެނެނީ އެ ޖަމިއްޔާގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) އާއި ނައިބު ރައީސް އަލީ ޝައްމާން އާއި ޚަޒާންދާރު މިދުހަތު އާދަމް އެވެ.
އެމްޖޭއޭގެ ފަރާތުން ސްރީލަންކާ އަށް ދިޔަ ވަފުދުން ވަނީ އެސްއެލްޕީއައިގެ ޗީފް އެގްޒެކެޓިވް އޮފިސާ އިމްރާން ފަރްކާން އާއި ޕީސީސީއެސްއެލްގެ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސާ ކަމާލް ލިޔަނާރާޗީއާ ބައްދަލުކޮށްފަ އެވެ. އަދި އޭގެ އިތުރުން ސްރީލަންކަން ކޮލެޖް އޮފް ޖާނަލިޒަމްގެ ޑިރެކްޓާ އަނޫރާދާ ހެރާތު އާއި ޕީސީސީއެލްގެ ޓެމިލް ކޮމްޕްލެއިންސް އޮފިސާ އަމީން ހުސައިންއާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ވެސް ޑެއިލީ މިރާ ބުނެ އެވެ.
އެމްޖޭއޭ އާއި ސްރީލަންކާގެ ދެ އިންސްޓްޓިއުޓާ ދެމެދު މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި ކުރި އަރަމުން އަންނަ ނޫސްވެރިންނަށް ތަމްރީން ދިނުމާއި ނޫސްވެރިން އަމިއްލައަށް މީޑިއާ ރެގިއުލޭޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ކަމަށް ވެސް ސްރީލަންކާގެ ނޫހުން ބުނެފައިވެ އެވެ.
ރާއްޖޭގެ ނޫސްވެރިންނަށް ސްކޮލަޝިޕްތައް ދިނުމަށް އެމްޖޭއޭއިން ވަނީ ސްރީލަންކަން ކޮލެޖް އޮފް ޖާނަލިޒަމްގައި އެދިފައެވެ.
ރާއްޖޭގެ ނޫސްވެރިންނަކީ މިހާރަށް ވުރެ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ކުރުމުއްދަތުގެ ތަމްރީންތައް ބޭއްވޭނެ ގޮތެއް އޮތްތޯ ބެލުމަށް ސްރީލަންކަން ކޮލެޖް އޮފް ޖާނަލިޒަމް އިން ވަނީ އެއްބަސްވެފައެވެ.