19 Sep 2017, 20:07
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ނަމާއެކު އާންމުކޮށް އިއުލާން ކުރުމަށް ދެކޮޅު ހަދަމުން ދަނިކޮށް އެ ލިސްޓް ހިއްސާކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގައި އެދިއްޖެއެވެ.
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ސޮއި ކުރައްވައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މީގެ ކުރީގެ ސަރުކާރުތަކުން ހައުސިން ޕްރޮޖެކްޓްގެ ދަށުން ގެދޮރާއި ބިން ދޫކޮށްފައިވަނީ ވަރަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާ މަދު ކަމަށެވެ.
އަދި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަމެއް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު އެފަރާތްތަކަށް މީގެކުރިން ލިބިދީފައިވާނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
ދާދި ފަހުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ތަކާ ގުޅިގެން ޝިފާ ވިދާޅުވީ އެ ފްލެޓް ތަކަކީ މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހި ހިތްދަތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫއުތަކެއް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ފްލެޓްތައް ދޫކޮށްފައިވަނީ އެ ގޮތަށް ބެލުމަށްފަހުގައި ނޫން ކަމަށެވެ.
"ފްލެޓް ތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ނުލިބި އެއަށްވުރެ މާ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ދޫކޮށްފައިވާތީ އިންތިހާއަށް މި ކައުންސިލުން ކަންބޮޑުވަމެވެ،" ޝިފާގެ ސިޓީގައިވެއެވެ.
ހައުސިން މިނިސްޓްރީން ފްލެޓް ލިބުނު މީހުންގެ ވަނަވަރު އާންމުކޮށްފައިނުވާތީ ގިނަ ފަރާތްތަކަކުން ސިޓީ ކައުންސިލަށް ޝަކުވާ ހުށަހަޅަމުންދާކަން ފާހަގަކޮށް ޝިފާ ވިދާޅުވީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ފްލެޓް ލިބޭ މީހުން ކައުންސިލަށް އެނގުން މުހިންމު ކަމަށެވެ. އެހެންކަމުން ފްލެޓް ލިބޭ ފަރާތްތައް އެނގޭނެ ލިސްޓެއް ވީ އެންމެ އަވަހަކަށް އެ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުން ޝިފާ ވަނީ އެދިވަޑައިގެންފައެވެ.
ފްލެޓް ލިބޭ މީހުންގެ ނަންތައް ހާމަކޮށްފައި ނުވާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަޖީ އެ ފަރާތްތަކުގެ ނަންތައް އާންމު ކުރުމަކީ ބައެއްގެ ޒާތީ މައުލޫމާތު އާންމުކުރުން ކަމަށާއި އެއީ ތަހްޒީބީ ކަމެއް ނޫން ކަމަށެވެ.