28 Jul 2011, 09:59
ގައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން ކަމާބެހޭ ފޯމް ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމުތައް ފޮނުވާނީ ”ޤައުމީ އިނާމާ ބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށެވެ.
ޝަރަފުގެ ޤައުމީ އިނާމު ދިނުމުގައި މި އަހަރުން ފެށިގެން ބަލާ މުއްދަތަކީ، ވަކި ފަރުދެއް ނަމަ، އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ހިދްމަތްކޮށްފައިވުން ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ހިދްމަތާ އެކު ޖުމްލަ 35 އަހަރުވުމެވެ. މުއައްސަސާއަކުން ނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ހިދްމަތާ އެކު ޖުމްލަ 35 އަހަރުވުމެވެ. ޝަރަފުގެ އިނާމް ދިނުމުގައި ކުރިން ބަލަމުން ގެންދިޔަ މުއްދަތަކީ 25 އަހަރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހިތްވަރުދިނުމުގެ ގައުމީ އިނާމު ދިނުމުގައި މިހާރު ބަލާ މުއްދަތަކީ، ވަކި ފަރުދެއް ނަމަ، އެދާއިރާއެއްގައި މަދުވެގެން 10 އަހަރު ހިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުން ނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ. ވަކި ފަރުދެއް ނަމަ، ކުރިން ބަލަމުން ގެންދިޔަ މުއްދަތަކީ ފަސް އަހަރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމު، މިދިޔަ ދެ އަހަރު ދެމުން ގެންދިޔައީ 23 ދާއިރާއަކުންނެވެ. އެހެންނަމަވެސް، އެކި ދާއިރާތަކުގެ މަސައްކަތްތަކަށް ބަލާ އިރު މިއަހަރު ފަސް ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެއް ދާއިރާއަކީ، ކީރިތި ގުރްއާން ކިޔެވުމާއި އުނގަންނައިދިނުމެވެ. މި ދާއިރާ ކުރިން ހިމަނާފައި ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އިލްމު އުނގެނުމުގެ ދާއިރާގެ ތެރޭގައި ބަލާ ރޮނގެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަލަށް އިތުރުކުރި އަނެއް ހަތަރު ދާއިރާއަކީ، ގާނޫނީ ދާއިރާ އާއި، ވިޔަފާރި އާއި އިގުތިސާދީ ދާއިރާ އާއި ބޯޓް ބިލްޑިންގެ ދާއިރާއާއި އެޕްލައިޑް އާޓްސްގެ ދާއިރާ އެވެ.
ކުރީ ދެ ފައަހަރެކޭ އެއް ގޮތަށް، މިއަހަރު ވެސް ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި ޖަމްއިއްޔާ، ޖަމާއަތްފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާ އެއް މެދުވެރިކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއަހަރު ވެސް ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.