ރޮހިންގާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އުފައްދަވައިފާ ހާއްސަ ކޮމެޓީއަށް އެއްބާރުލުން ދިނުމުގެ ގޮތުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގުޅިގެން ފަންޑް ރައިޒިންގެ ހަރަކާތެއް ފައްޓަވައިފިއެވެ.

މިއަދު ހަވީރު އެމްޑަބްލިއުއެސްސީގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ފަންޑު ފޮށި އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ސަލީލް ޖަލީލްއެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެމްޑަބްލިއުއެސްސީއިން ފަންޑު ފޮށި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔަތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސަލީލް ޖަލީލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ : ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަލީލު ވަނީ އެކުންފުނީގެ މުވައްޒިފުންނަށް ވެވެންއޮތް ވަރަކުން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެދިވަޑައިގެންފައެވެ.

މިއަދު އިފްިތިތާހު ކުރި ފަންޑުފޮށިތައް އެމްޑަބްލިއުއެސްސީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކާއި އައިބީއެމްގެ އޮފީހުގައި ވަނީ ބަހައްޓައިފައެވެ. އޭގެ އިތުރުން ހުޅުމާލެ، ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުގައި ވެސް ފަންޑު ފޮށިތައް ބަހައްޓައިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެމްޑަބްލިއުއެސްސީއިން ފަންޑު ފޮށި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔަތުގައި އެ ކުންފުނީގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ : ފަޔާޒު މޫސާ

އެމްޑަބްލިއުއެސްސީގެ މުވައްޒިފުންގެ އިތުރުން އާންމުންނަށް ވެސް ރޮހިންގާ މުސްލިމުންނަށް އެހީވުމަށްޓަކައި އެ ފަންޑުފޮށިތަކަށް ފައިސާ ލެވޭނެކަމަށް އެކުންފުނިން ބުންޏެވެ.