ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ސ. ހުޅުދޫ، އަތީރީގޭ މުހައްމަދު ސުއައިދު އާއި ހ. ހިލްޓަން އަހުމަދު އާލިފް ރައުފް އާއި ގދ. ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީނުގެ މައްޗަށެވެ.

އެމައްސަލާގައި އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަންގެ ދައުވާ އެވެ. އެމައްސަލަ މާދަމާ 13:30 ހަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފަ އެވެ.

ފުލުހުން ވަނީ އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ، އަޙްމަދު އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން މީގެ ކުރިން ހައްޔަރު ކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ދެމީހުން ވަނީ ހައްޔަރުން ދޫކޮށްލައިފަ އެވެ.

އާލިފް ރައޫފް އަކީ ރިލްވާން ގެއްލުނު ރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިޔާ އެވެ. އަދި ނޫރައްދީނަކީ، ހުޅުމާލޭގައި އެ ކާރު ގެންގުޅުނު ކަމަށް ބުނާ މީހާ އެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލްވާން ގެއްލުނު ރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށާއި، ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ އެ މައްސަލާގައި ދައުވާ ލިބޭ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ފުލުހުން ބުނެފައިވެ އެވެ.