19 Sep 2017, 11:08
ޑޮމިނިކާ (ސެޕްޓެމްބަރު 19): ހަރިކޭން އާމާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވެނީސް ތޫފާން މަރީއާ ކެރީބިއަން ރަށްތަކަށް އަރަން ފަށައިފި އެވެ.
ކެޓަގަރީ ފަހެއްގެ ތޫފާނެއްގެ ގޮތުގައި މަރީއާ މިހާރު އަރަމުން ދަނީ ޑޮމިނިކާއަށެވެ. އަދި ގަޑިއަކު 160 މޭލު ބާރު މިނުގައި ޖެހޭ ވަޔާ އެކު އެތޫފާން އަރަމުން ދާނީ ތޫފާން އާމާ އެރި ސަރަހައްދުތަކަށް ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
އެތޫފާނުގެ ސަބަބުން ޑޮމިނީކާގެ ބޮޑުވަޒީރު ރޫޒެވެލްޓް ސްކެރިޓްގެ ގެކޮޅުގެ ފުރާޅު އެއްލާލައި، ގޭގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ބޮޑުވަޒީރު ސްކެރިޓް ވަނީ ސަލާމަތީ ސަރަހައްދަކަށް ގެންގޮސްފަ އެވެ.
ކެރީބިއަން ރަށްތަކަށް އިއްޔެ އެތޫފާން އަރަން ފަށާފައި ވަނީ ތޫފާން އާމާގެ ސަބަބުން ކެރީބިއަން ރަށްތަކަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބި، 37 މީހަކު މަރުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ. އެދެ ތޫފާނުގެ އިތުރުން، ހޯސޭގެ ނަން ދީފައިވާ އިތުރު ތޫފާނެއް ވެސް އެޓްލާންޓިކް ކަނޑުގައި އުފެދިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުންޏެވެ. (ބީބީީސީ)