ހުސައިން ހަލީމް (ކުޑަހުސެން)ގެ 27 އަހަރުވީ މެރަތަން ރެކޯޑަށް އަހްމަދު ޝަރަފް ނިމުމެއް ގެނައިތާ ހަ މަސް ފަހުން ޝަރަފްގެ އެ ރެކޯޑު މުހައްމަދު ޝިފާޒް މުގުރާލައިފި އެވެ.

ޝަރަފްގެ މެރަތަން ރެކޯޑު ޝިފާޒް މުގުރާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު 11 ވަނަ ކަތަމަންޑޫ މެރަތަންގައި ދުވެގެންނެވެ.

އެ ރޭހުގައި ވާދަކޮށް ޝިފާޒް، މެރަތަން ދުވުން ނިންމީ ހަތްވަނަ އަށެވެ. އޭނާ ރޭސް ފުރިހަމަކުރީ ދެ ގަޑިއިރާއި 40 މިނެޓާއި 47 ސިކުންތުންނެވެ. އެއީ ޝަރަފްގެ ރެކޯޑަށް ވުރެ އެއް މިނެޓާއި 41 ސިކުންތު އަވަސް ވަގުތެކެވެ.

ސާފް ގޭމްސް 1989ގައި ކުޑަ ހުސެން ހެދި ރެކޯޑް މި އަހަރުގެ މާޗް މަހުގެ ކުރީކޮޅު ޝަރަފް މުގުރާލީ މޮރޮކޯގައި ކުރިއަށް ދިޔަ ރަބާތު އިންޓަނޭޝަނަލް މެރަތަންގައި ދުވެގެންނެވެ. އޭރު އޭނާ ރެކޯޑު ގާއިމްކުރީ ކުޑަ ހުސެން ސާފް ގޭމްސްގައި ދުވުން ފުރިހަމަކުރި ވަގުތަށް ވުރެ ދެ މިނެޓާއި 13 ސުކުންތު އަވަހަށް ނިންމައިގެންނެވެ.

ޝަރަފްގެ ރެކޯޑު މުގުރާލި ޝިފާޒަކީ ގައުމީ ހާފް މެރަތަންގެ ރެކޯޑު ވެސް އޮންނަ އެތުލީޓެވެ. އޭނާ ވަނީ މި އަހަރުގެ ތެރޭގައި ދެ ފަހަރަށް ގައުމީ ހާފް މެރަތަން ރެކޯޑު އާކޮށްފަ އެވެ. މިދިޔަ އަހަރު ޝަރަފް ގާއިމްކުރި ހާފް މެރަތަން ރެކޯޑު ޝިފާޒް، މި އަހަރުގެ މެއި މަހުގެ ތެރޭގައި މުގުރާލި އިރު އެ ރެކޯޑަށް މަހެއް ނުވަނީސް އޭނާގެ އަމިއްލަ ރެކޯޑު އާކުރި އެވެ.