ދެމީހަކު ރައްޓެހިވެގެން އުޅެންޏާ އެންމެ ފުރަތަމަ ވެސް އެނގޭނީ ސޯޝަލް މީޑިއާ އަށް ކަމަށް އެކްޓަރު އީޖާޒް ހާން ބުނެފި އެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވުއެއްގައި އީޖާޒް ބުނީ ދެމީހުން ރައްޓެހިވެގެން އުޅެންޏާ އެންމެ ފުރަތަމަ ވެސް އެކަން މީހުންނަށް އެނގެނީ ސޯޝަލް މީޑިއާ އިން ކަމަށެވެ. ނަމަވެސް މިއީ އޭނާ އަށް މާ ކަމުދާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އުމުރުން 42 އަހަރުވެފައިވާ އީޖާޒް ބުނީ ލޯބީގެ މައިޒާނުން އެއްވެސް ކަމަކަށް އުންމީދު ނުކުރުމަށެވެ.

"މިހާރު އަހަރެން ބޭނުން ވަނީ އުފާވެރި ދިރިއުޅުމެއް. އަދިވެސް މިހުންނަނީ ސިންގަލްކޮށް. ލޯބި ބޭނުމެއް ނޫން. އެއްވެސް ކަމަކަށް އެކްސެޕްޓް އެއްވެސް ނުކުރަން،" އޭނާ ބުންޏެވެ.

އީޖާޒް ބުނީ މިހާރުގެ ކުދިން އުޅޭ ގޮތް އޭނާ އަށް އެހާ ކަމުނުދާ ކަމަށާއި ދެ މީހެންގެ ގުޅުން ސޯޝަލް މީޑިއާ އަށް ބަރޯސާވެގެނެއް ނޫޅެވޭނެ ކަމަށެވެ.

"އެގޮތަށް ކަންތައް ކުރީމާ ހީވަނީ ދެމީހުންގެ ގުޅުމަށް އެކަކު އަނެކަކު އިތުބާރު ނުކުރާހެން. އެކަން ވަރަށް ރަނގަޅަށް މިކަމުން އެނގޭ. އެންމެން ވެސް ބޭނުން ވަނީ ރިލޭޝަންޝިޕް އެކުގައި އުޅޭކަން މީހުންނަށް ދައްކަން. ކީއްކުރަން ކުރާ ކަމެއް މިއީ.؟" އޭނާ ބުންޏެވެ.

އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ބުރޫ އަރާނެ ކަމަށާއި ދެމީހުންގެ ގުޅުން ހީނަރު ވެގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.