28 Jul 2011, 09:41
ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބޭއްވޭ ފަސްވަނަ ފިޓްޔުނިޓް މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.
މިމުބާރާތް ފެށުމުގެ ގޮތުން ހުޅުމާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓާ އޮފް ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓް، ލެފްޓިނެންޓް ކާނަލް ހާމިދު ޝަފީޤު އެވެ.
ސިފައިންގެ ހަށިހެޔޮކަން އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރުވައި އާލާކުރުމުގެ ގޮތުން ޔުނިޓްތަކުގެ މެދުގައި އެކުވެރި މާހައުލެއްގައި ވާދަވެރިކަން އުފެއްދުމަށް ޓަކައި ކުރިއަށްގެންދާ މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ދިދަ މައިދާނަށް ގެނެސްދިނީ ކޯސްޓްގާޑްގެ ޓީމުންނެވެ. އަދި މައިދާނުގައި ސިފައިންގެ ދިދަ ބަހައްޓަވައިދެއްވީ ޝަރަފްވެރި މެހުމާން ލެފްޓިނެންޓް ކާނަލް ހާމިދު ޝަފީޤެވެ.
ޤާނޫނީ ގޮތުން ސިފައިންނަށް ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް ޓަކައި ސިފައިންގެ ހަށިހެޔޮކަން އަދި ދޮޅަހެޔޮކަން ތަރައްޤީކޮށް ދެމެހެއްޓުމަށް ޓަކައި ކުރިއަށްގެންދާ މިމުބާރާތް ފުރަތަމަ ބާއްވާފައި ވަނީ 2000 ވަނަ އަހަރު އެވެ.
ތަފާތު އިވެންޓްތަކެއް ހިމަނައިގެން ކުރިއަށްގެންދާ މިމުބާރާތް މީގެ ކުރިން، ކުރިއަށް ގެންގޮސްފައި ވަނީ ފަލިޖެހުމާއި ފެތުމާއި އަދި ދުވުން ހިމަނައިގެންނެވެ. އެހެންނަމަވެސް 2009 ވަނަ އަހަރުން ފެށިގެން މުބާރާތުގެ ބައެއް އިވެންޓްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. މިގޮތުން 2009 ވަނަ އަހަރުން ފެށިގެން “ފަލިޖެހުން” އުވާލައި، ކޮމްބެޓް ރަން، އިވެންޓްތަކުގެ ތެރެއަށް އިތުރުކުރި އެވެ. މިފަހަރުގެ މުބާރާތުގައި ހިމެނިފައިވާ އިވެންޓްތަކަކީ 1000 މީޓަރުގެ ފެތުމާއި 5000 މީޓަރުގެ ކޮމްބެޓް ރަން އަދި ދެ މޭލު ދުވުމެވެ.
ޔުނިޓްކުން މިއިވެންޓްތައް ކުރިއަށްގެންދާނީ އެއް އިވެންޓާއި އަނެއް އިވެންޓް ގުޅުވައިގެން ޓްރެއެތުލޯންގެ އުސޫލަށެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ “ކޮމްބެޓް ރަން”ގައި ޔުނިޓްތަކުން ދުވުމަށް ހަމަޖެހިފައި ވަނީ 10 ކިލޯގެ ހަތަރު ބަރު ހިފައިގެންނެވެ.
ދެ ގިންތިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމުލަ 18 ޔުނިޓަކުން ވަނީ ބައިވެރިވެފައިވެ އެވެ.
މިގޮތުން އެމްއެންޑީއެފްގެ ބޮޑެތި ޔުނިޓްތައް ބައިވެރިވާ ގިންތި އެކެއްގައި ފަސް ޓީމެއް ވާދަކުރާއިރު، ގިންތި ދޭއްގައި ވާދަކުރަނީ 13 ޓީމެވެ.