އެމެރިކާ ލީގުން އެންމެ މޮޅެތި ކުޅުންތެރިން ހޮވާލާ އުފައްދާފައިވާ ޓީމަށް ފެންވަރުދައްކާލުމަށް ފަހު 4-0 ން މެންޗެސްޓާ ޔުނައިޓެޑް މެޗުން މޮޅުވެ ކާމިޔާބީގެ ލިސްޓް އިތުރުކޮށްފި އެވެ.

އިނިގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން ވަނީ މިމެޗްގައި އެމެރިކާ ލީގުގެ ތަރިންގެ ޓީމް އާދައިގެ ޓީމަކަށް ބަދަލުކޮށްލާފަ އެވެ.

އިނގިރޭސި ތަރި ޑޭވިޑް ބެކަމް ކެޕްޓަންކަންކޮށް ފްރާންސް ތަރި ތިއަރީ އޮންރީ އެމެރިކާ ތަރިންގެ ޓީމަށް ކުޅުނު ނަމަވެސް މިކުޅުންތެރިންނަށް މެންޔުނަޓެޑާ ދެކޮޅަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިމެޗްގައި މެންޗެސްޓާ ޔުނައިޓެޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޑަރސަން، ބާބަޓޯވް، ޕާކް ޖީ ސުންގް އަދި ޑެނީ ވެލްބެކް އެވެ.

މިމެޗްގައި އެމެރިކާ ތަރިންގެ ގޯލް ބަންދުކޮށްލައިގެން އެޓީމަށް މާގިނައިރުތަކެއް ހުރެވޭގޮތެއް ނުވިއެވެ. ވިހި މިނެޓް ނުވަނީސް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފުރަތަމަ ލަނޑުޖަހާ ލީޑް ނަގާފަ އެވެ. މިމެޗްގެ ކޮންމެ ހާފެއްގައި މެން ޔުނައިޓެޑުން ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. އެންޑާސަން އާއި ޕާކް ފުރަތަމަ ހާފްގެ ލަނޑުތައް ޖަހައިދިންއިރު ދެވަނަ ހާފްގެ ލަނޑުތައް ޖަހައިދިނީ ބާބަޓޯވް އާއި ވެލްބެކް އެވެ.

މިދިޔަ ސީޒަނަށް ފަހު ކުޅުނު ހުރިހާ މެޗަކުން މެންޗެސްޓާ ޔުނައިޓެޑުން މިދަނީ މޮޅުވެ 100 އިންސައްތައިގެ ކާމިޔާބީ ހޯދަމުންނެވެ. ނަމަވެސް މެންޔުނައިޓެޑަށް ކުރިއަށްއޮތީ މާ ފަސޭހަ މެޗެއް ނޫނެވެ.
އަންނަ ހޮނިހިރު ދުވަހު މެންޔުނައިޓެޑް ނުކުންނަން ޖެހޭނީ ޔޫރަޕް ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށެވެ.