މެންޗެސްޓާ ސިޓީ އަށް މި ސީޒަނުގެ ޓްރާންސްފާ ވިންޑޯގައި ބޮޑު ޚަރަދެއް ކޮށްގެން ތިން ޑިފެންޑަރުން ގެނެސްފައިވާއިރު، ސީޒަން ފެށުމުގެ ކުރިން ގިނަ ބަޔަކު ވަނީ މިއީ ބޭކާރު ޚަރަދެއް ކަމަށް ބުނެފައެވެ. ނަމަވެސް އެ ކުޅުންތެރިން މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު، އަބޫދާބީގެ މަހުޖަނު އަދި ސިޓީގެ ވެރިޔާ ޚަރަދު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ޑިފެންޑަރަކަށް ދުނިޔޭގެ ރެކޯޑު އަގެއް ދީގެން ގަތް ޓޮޓެންހަމްގެ ކައިލް ވޯކާ އަދި މޮނާކޯގެ ބެންޖަމިން މެންޑީ ދަނީ ސީޓީގެ އަރިމަތިން ބޮޑު ތަފާތެއް ދައްކަމުންނެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ގެނައުމަށް ސިޓީ އަށް 50 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހުނެވެ.

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ---

ވޯކާ އާއި މެންޑީ އަށް ސީޒަނުގެ ކުރީ ކޮޅު އެއް ޓީމެއްގައި ކުޅެވޭ ގޮތް ނުވީ މެންޑީ އަށް ދިމާވި އަނިޔާގެ މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް ސީޓީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވޯކާ އާއި މެންޑީ ވަނީ ކުޅެފައެވެ. މީގެ ބޮޑު އަގެއް އިދިކޮޅު ޓީމުތަކަށް ވަނީ ދައްކަން ޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ދެ ކުޅުންތެރިން އެކީގައި ކުޅެފައި ވަނީ ލިވަޕޫލާ ދެކޮޅަށެވެ. މި މެޗުން 0-5 އިން ކާމިޔާބު ކުރީ ސިޓީއެވެ. ހަމަ މިގޮތަށް ޗެމްޕިއަންސް ލީގުގައި ފެނަޔޫޑް ކޮޅަށް ހަތަރު ލަނޑު ޖެހިއިރު، ދާދި ފަހުން ވެޓްފޯޑް ކޮޅަށް ސިޓީ ވަނީ ހަ ލަނޑު ޖަހާފައެވެ.

މި މެޗުތަކުގައި މެންޑީ އަދި ވޯކާ ވަނީ ޓީމުގެ އަރިމަތިން އިދިކޮޅު ޓީމަށް ނުރައްކާ ކޮށް ނުރައްކާތެރި ހުރަސްތަކެއް އިދިކޮޅު ޕެނަލްޓީ އޭރިއާ އަށް ކޮށްފައެވެ. މިދެ ކުޅުންތެރިނަކީ ޕެޕް ގާޑިއޯލާގެ ކުޅުމުގެ ސްޓައިލަށް ފެތޭ ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މި ސީޒަނަށް އަލަށް ގެނައި ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ އަކީ ވެސް ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ---

"ވޯކާ އަދި މެންޑީ އަކީ ޒުވާން ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިން ވަރަށް އެނާޖެޓިކް އަދި އަރިމަތިން އެ ދޭ ޕާފޯމެންސްގެ ސަބަބުން މެދު ތެރޭގައި ކުޅޭ ކުޅުންތެރިންނަށް ފަސޭހަ ކަމާއެކު ހުސް ރޯލެއް ކުޅުމަށް ފުރުސަތު ލިބިގެން ދޭ. ހާއްސަކޮށް ޑޭވިޑް ސިލްވާ އަދި ޑެބްރުއިނާ އަށް އެހެން ކުޅުންތެރިން ލައްވާ ކުޅުވަން ފަސޭހަ ވޭ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މިދިޔަ ސީޒަނާ އަޅާ ބަލާއިރު، ރަނގަޅު ކުރިއެރުމެއް ޓީމުގެ ފަރާތުން ފެނަންމުންދާ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ ދެ އަރިމަތިން ކުޅޭ ވޯކާ އަދި މެންޑީގެ ޕާފޯމެންސް ރަނގަޅުން ކަމަށެވެ. އެހެންކަމުން އަގުބޮޑު ކޮށް ދެ ޑިފެންޑަރުން ގަނެ އޭގެ ހަގީގީ ފައިދާ ފެންނަމުންދާ ކަމަށް ގާޑިއޯލާ ފާހަގަ ކުރިއެވެ.