މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެއިން ޗައިނާ އާ އެކު ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ނިންމާލައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޗައިނާ އާއެކު ފެށި ވިޔަވާރީގެ އެއްބަސްވުމުގެ މަޝްވަރާ ބައްދަލުވުންތައް ނިންމާލައިފަ ވަނީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގައި ކަމަށެވެ. އެ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ފަސް ބައްދަލުވުމަކަށް ބަހާލައިގެން ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޗައިނާ އާ އެކު ކުރިޔަށް ގެންދިޔަ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާ އާ ދެމެދު ކުރެވޭ މުދަލާއި ހިދުމަތުގެ ވިޔަފާރިތައް ކުރުމަށް ވަރަށްބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި ދިވެހި މަސްވެރިންނާއި މަސް އަދި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތަކަށް ދުނިޔޭގެ އެންމެ ބޮޑު ބާޒާރުގައި ގިނަ ފުރުސަތު ތަކެއް ހުޅުވާލެވިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިނިވަން ވިޔަފާރީގެ އެފަދަ މަޝްވަރާތަކުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުއާމީ ބާޒާރުގައި ފަސޭހަކަމާ އެކު ވިޔަފާރިކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށާއި ރައްޖޭގެ ފަތުރުރުވެރިކަމުގެ ސިނާއަތައް ކުރިއެރުންލިބޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، މާލީ އަދި ބޭންކިންގެ ވިޔަފާރީގައި ދިވެހި ވިޔަފާރިވެރިންނަށް މުއާމަލާތް ކުރެވޭނެ މަގުތައް ހޯދައި ދިނުމަށްކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ޗައިނާގެ އިތުރުން އެމެރިކާ، ޔޫރަޕް، އިނގިރޭސިވިލާތް އަދި ޖަޕާނާއެކު ވެސް މިފަދަ މަޝްވަރާ ބައްދަލުވުންތަކަށް ސަރުކާރުން ދައުވަތު ދީފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި ހޮންކޮން އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމައްޓަކައި ގެންދެވޭ މަޝްވަރާތަކުގެ އެންމެ ފަހު ބައްދަލުވުން ބޭއްވުމަށް ތައްޔާރު ވެފައިވާކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.