ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންއައި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ސާޖިއޯ އަގުއެރޯ އިނގިރޭސިވިލާތުގެ މުއްސަނދި ކްލަބް މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައިވާ ކަމަށް އަގުއެރޯގެ ޓްވިޓާ އެކައުންޓްގައި އޭނާ ޝާއިޢުކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ފޯވާޑް އިއްޔެވަނީ މެންޗެސްޓާ ސިޓީގެ މެޑިކަލް ޓެސްޓްގައި ބައިވެރިވެ 40 މިލިޔަން ޕައުންޑަށް އެކްލަބާ ގުޅުމަށް އެއްބަސްވެފަ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުން އަގުއެރޯ މެންސިޓީ އަށް ސޮއިކުރާނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
"މެންޗެސްޓާ ސިޓީ ކުޅުންތެރިއަކަށް ވުމަށް އަހަރެން މިހިރީ ތައްޔާރަށް. މެންސިޓީގައި އަހަރެން މިހިރީ އުފަލާ އެކު. އަހަރެންނަށް މެންސިޓީ އިން ކިޔި މަރުހަބާއަށް ޝުކުރުވެރިވަން." މެންޗެސްޓާ ސިޓީގެ އޮފިޝަލުންނާ ބައްދަލުކުރުމަށް ފަހު އަގުއެރޯ ޓްވިޓާ އެކައުންޓްގައި ޝާއިޢުކުރި އެވެ.

އާޖެންޓީނާ ފޯވާޑް އަގުއެރޯވަނީ އެތްލެޓިކޯ މެޑްރިޑަށް މިދިޔަ ސީޒަންގައި 20 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ހަމައެގޮތަށް މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒްވެސް މިދިޔަ ސީޒަންގައި ވަނީ 20 ލަނޑާ އެކު ރަންބޫޓް ހޯދައިފަ އެވެ. ނަމަވެސް ޓެވޭޒްއަށް މެންސިޓީގައި ދިރިއުޅުން ބައްޓަން ނުކުރެވުމުން ކްލަބް ބަދަލުކުރާނެކަމަށް ވަނީ ހާމަކޮށްފަ އެވެ.

ސާޖިއޯ އަގުއެރޯ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފައިވާ ކަމަށް އެކްލަބުން ރަސްމީގޮތަކަށް އިޢުލާންނުކުރި ނަމަވެސް ވަރަށް އަވަހަށް އެކްލަބުން މިޚަބަރު އިޢުލާންކުރާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެއާލް މެޑްރިޑާއި ޔުވެންޓަސްއިންވެސް ވަނީ އަގުއެރޯ ހޯދުމަށް މަސައްކަތްކޮށްފަ އެވެ.