މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އދ. ވަނުމަށް ރާއްޖެއިން ބާރުއަޅާނެ ކަމަށް ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.

ޔޫއެންގައި ދާދި ފަހުން ރޮހިންގާ މުސްލިމުންނާ ގުޅޭ ވޯޓެއްގައި ރާއްޖެއިން ބައިވެރިނުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ޚަބަރާ ގުޅޭ ގޮތުން އެމެރިކާގެ ނިޔޯކްގައި ހުންނަވައި ސްކައިޕް މެދުވެރިކޮށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއު އެއްގައި ނަސީރު ވިދާޅުވީ ރޮހިންގާ މުސްލިމުންގެ ހައްގުގައި ދިވެހި ސަރުކާރުން އަބަދުވެސް އދ. ގައި އަޑު އުފުލަމުންދާ ކަމަށެވެ. އެ މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރަން ގޮވާލައި އދ. ގައި ނަގާ ކޮންމެ ގަރާރަކަށް ވެސް ރާއްޖެއިން ވަނީ ތާއީދުކޮށް ވޯޓް ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އދ. އެބަ ޖެހޭ އދ. ގެ ޒިންމާ ފުރިހަމަ ކުރަން. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވިޔަސް އދ. ގެ ސެކިއުރިޓީ ކައުންސިލުން ވިޔަސް އދ. ގެ ޖެނަރަލް އެސެމްބްލީން ވިޔަސް އަދި އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ވިޔަސް އދ. ގެ ކަމާބެހޭ ހުރިހާ އެޖެންސީއަކުން މިކަމަށް އަހަންމިއްޔަތުކަމެއް ދީގެން މިޔަންމާގެ މުސްލިމުންގެ ކަންކަން ހައްލުކުރުމަށްޓަކައި ތެދުވާން އެބަ ޖެހޭ. ރާއްޖެއިން ވާނީ އެކަމުގައި ވަކާލަތު ކުރެވިފައި،" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އދ. ގައި ބުނަންޖެހޭ އެއްޗެއް ބުނުމަށް އަދި ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމަށް ރާއްޖެއިން ފަހެއް ނުޖެހޭނެ ކަމަށެވެ. ރާއްޖެއިން އދ. ގައި ދޭ ވޯޓަކަށް އަދި ބުނާ ބަހަކަށް ވެސް އެއްވެސް އެހެން ގައުމަކުން ނުފޫޒެއް ނުފޯރުވޭނެ ކަމަށް ނަސީރު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ދެކޮޅަށް އދ. ގައި ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވޯޓުގައި ރާއްޖެ އިން ބައިވެފައިނުވާތީ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މި ސަރުކާރަކީ ޗައިނާގެ އަމުރަށް ތަބާވާ ގައުމެއްގެ ގޮތުގައެވެ. ސަބަބެއް ގޮތުގައި އެ މީހުން ފާހަގަކުރީ އދ. ގައި ނެގި ވޯޓުގައި ޗައިނާ އިން ދެކޮޅަށް ވޯޓު ދިނުމެވެ.