18 Sep 2017, 16:22
މާލޭގައި މިހާރު ބޭނުން ކުރަމުންދާ މޯޗަރީ މަރާމާތު ކުރުމަށް ޓަކައި ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޒިޔާދު ބާގިރު އެވެ. އަދި ސިފައިންގެ ވެލްފެއާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މޭޖާ އަހުމަދު ޒުބައިރު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިސްޓަރު ވިދާޅުވީ، މިހާރުގެ ހުރި މޯޗަރީގައި 2004 ވަނަ އަހަރުން ފެށިގެން އެއްވެސް މަރާމާތެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެތަނުގެ ސާމާނު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ އެއްބަސްވުމަކީ ޒަމާނީ ފެންވަރަށް މޯޗަރީ މަރާމާތު ކުރުމަށް ޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިޔަށް މިއޮތީ ޓުއަރިޒަމްގެ ސީޒަން ކަމުގައި ވާތީވެ ކޮންމެ އަހަރަކު ވެސް ޑިސެމްބަރުން ފެށިގެން ފެބުރުއަރީ ދޭތެރޭގައި މޯޗަރީގެ މައްސަލަ ބޮޑަށް މި ދިމާވަނީ، ސަބަބަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނަށް ދިމާވާ މިފަދަ ކުއްލި މައްސަލަތަކުގައި ދޭން ޖެހޭ ހިދުމަތަށް ބުރޫއަރާތީ. އެހެންކަމުން މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އަޅުގަނޑުމެއް މި ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ބޭނުން ކުރެވެމުންދާ މޯޗަރީގެ މަރާމާތުކުރުން 160 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން ދަނީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭގައި މިނިސްޓްރީއަށް ލިބިފައިވާ ބިމުގައި ރަނގަޅު ފެންވަރުގެ ޒަމާނީ މޯޗަރީއެއް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.