ލަންޑަން (ޖުލައި 28) : ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހަކީ ލީބިޔާ ރައްޔިތުން ތަމްޘީލްކުރާ ޝަރްޢީ ސަރުކާރު ކަމަށް އިނިގިރޭސިވިލާތުން އިޢްތިރާފްވެ ގައްޒާފީގެ ސަރުކާރާ ގުޅުންތައް ކަނޑާލައިފިއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހެގް ވިދާޅުވީ ލީބިޔާ ރައްޔިތުން ތަމްޘީލްކުރާ ހަމައެކަނި ފަރާތަކީ އެޤައުމުގެ އިންތިޤާލީ މަޖިލިސް ކަމަށް އިނގިރޭސި ދައުލަތުން ޤަބޫލުކޮށްފި ކަމަށާ ލަންޑަންގައި މިހާރު ތިއްބެވި ގައްޒާފީގެ ސަރުކާރުގެ ޑިޕްލޮމޭޓުން ބޭރުކުރުމަށް ނިންމާފައިވާ ކަމުގައެވެ.

އަދި ގައްޒާފީގެ ސަރުކާރުގެ ޑިޕްލޮމޭޓުންގެ ބަދަލުގައި އިންތިޤާލީ މަޖިލީހުން އިނގިރޭސިވިލާތަށް ޑިޕްލޮމޭޓުން އަލުން ޢައްޔަންކޮށް ލަންޑަންގައި ހުންނަ ލީބިޔާގެ އެންބަސީވެސް އެމަޖިލިސް ތަމްޘީލްކުރާ ތަނަކަށް ބަދަލުކުރުމަށް ހެގް ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވިއެވެ.

އިނގިރޭސިވިލާތުން ހިފަހައްޓާފައިވާ ގައްޒފީގެ ސަރުކާރުގެ ފައިސާއާއި އެސެޓްތަކާއި އެކައުންޓްތައް ލީބިޔާގެ އިންތިޤާލީ މަޖިލީހާ ވަރަށް އަވަހަށް ޙަވާލު ކުރެވޭނެ ކަމަށްވެސް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. (ރޮއިޓާސް)