18 Sep 2017, 14:35
ބަޣުދާދު (ސެޕްޓެމްބަރު 18): އިރާގުގެ ކިބައިން މިނިވަންވެ، ކުރުދީންގެ މިނިވަން ދައުލަތެއް ގާއިމު ކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ގޮވާލައްވައިފި އެވެ.
ގުޓެރޭސް ވިދާޅުވި ގޮތުގައި މިމަހުގެ 25ގައި ނަގަން ހަމަޖެހިފައިވާ އެވޯޓުގެ ސަބަބުން އިރާގުގައި އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިސްކަންދޭ މިންވަރު ކުޑަވެގެންދާނެ އެވެ. އަދި އެހަނގުރާމައަށް ފަހު ގައުމު އާރާސްތު ކުރުމާއި ރެފިއުޖީންގެ ސަލާމަތްކަން ކަށަވަރުކޮށް ދިނުމަށް ވެސް ހުރަސް އެޅޭނެ އެވެ.
މީގެ އިތުރުން ގުޓަރޭސް ވަނީ އިރާގުގެ ސަރުކާރާއި ކުރުދިސްތާން ރީޖަނަލް ސަރުކާރާ ދެމެދު އޮތް ދެބަސްވުންތައް ހައްލު ކުރަން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށާއި، އެމަޝްވަރާތައް ބޭއްވުމަށް އެހީ ފޯރުކޮށްދޭން އދ.އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.
އިރާގުގެ ކިބައިން މިނިވަންކަން އިއުލާން ކުރުމަށް ކުރުދިސްތާނުން ނަގާ ވޯޓަށް އދ.ގެ އިތުރުން، އިރާގު، ް، އެމެރިކާ، އީޔޫ، ޖަރުމަނުވިލާތް އަދި ރަޝިއާ އިން ވެސް ވަނީ ދެކޮޅުހަދައިފަ އެެވެ. އެއީ އިރާގުގެ ކުރުދީ ދަރިކޮޅުގެ މީހުންނަށް ޚާއްސަ މިނިވަން ދައުލަތެއް އުފައްދައިފި ނަމަ އީރާނާއި ތުރުކީގައި ދިރިއުޅޭ ކުރުދީން ވެސް ވަކިވެގަތުމަށް މަސައްކަތްކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (އަލްޖަޒީރާ)