18 Sep 2017, 14:49
އަންނަ އަހަރުގެ ތެރޭގައި މަދުވެގެން 7000 ހައުސިންގް ޔުނިޓް އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހައުސިން މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފުލެޓްތަކުގެ ފައުންޑޭޝަން އަޅާ ހިސާބުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ފުލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމަވާލެވިގެން ދާނެ ކަމަށެވެ.
"މުޅި ތާރީހުގައި ވެސް ނުފެންނާނެ މިވަރުގެ ބޮޑު ބަދަލެއް. ބޮޑު ކުރިއެރުމެއް. ގެދޮރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކުރިއެރުން އަންނަ އަހަރު ފެނިގެން ދާނެ. 7000 އާއިލާ އަށް ހައުސިންގް ޔުނިޓް ދޭނެ ކަމުގެ ޔަގީންކަން ދެން." މިނިސްޓަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރަކީ ވަރަށް ވަރުގަދަ ސިޔާސަތެއް އެކުލެވިގެންވާ ސަރުކާރެއް ކަމަށާއި މި ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ނިމެންވާއިރަށް ރައީސްގެ ވައުދުގެ ވަރަށް ބޮޑު ބައެއް ފުރިހަމަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޔަގީންކަމާ އެކީ ކެރިގެން މި ބުނަނީ މަދުވެގެން 7000 ހައުސިންގް ޔުނިޓް އެޅިގެންދާނެ. އެއަށް ވުރެ އިތުރަށް ވެސް ހައުސިންގް ޔުނިޓްތަކެއް އެޅިގެންދާނެ. މިހާރު އެޅިފައި ހުރި ހުރިހާ ހައުސިންގް ޔުނިޓްތަކެއް އެއްކޮށްލައިގެން ވެސް 7000 ހަމައެއް ނުވާނެ." މުއިއްޒު ވިދާޅުވި އެވެ.
އެންމެ ހައްގުވެރި ފަރާތްތަކަށް ފްލެޓްތައް ލިބެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހާލަތު ބަލަން ކުރި ސާވޭގައި ބައެއް މީހުން ފޯމުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ގެދޮރަކީ އެންމެ އަސާސީ އެއް ކަންތައް. ފުލެޓް ބޭނުންވާތީ މިކަހަލަ ގޯސްތައް ހެދީ. ދޮގު މައުލޫމާތު ދެނީ ވެސް އެހެން. މިކަހަލަ ކަންތައްތައް ހުއްޓުވަން އެބަޖެހޭ. ފްލެޓްތައް ދީފައި އެހެރީ އެންމެ ހައްގު ފަރާތްތަކަށް." މިނިސްޓަރު ވިދާޅުވި އެވެ.