18 Sep 2017, 14:21
ފަނޑިޔާރުންނަށް އާއްމުންގެ ފަރާތުން ތައުރީފެއް ނުލިބޭނެ ކަމަށާއި، އޭގެ ބަދަލުގައި ކުރާނީ މަލާމާތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ހަތް ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ފަނޑިޔާރުންނަށް މީހުން ފާޑު ކިއުންތައް އަމާޒުވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ބުރަ ހިތެއް ނުބޭއްވުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ.
"އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާތި، ތިބޭފުޅުންނަށް ރީތި ނަމެއް މުޖުތަމައުއިން ލިބިދާނޭ. އަޅުގަނޑު ވަރަށް ކެރިގެން މިދަންނަވަނީ ފަނޑިޔާރުން ކުރާ ހުކުމަކަށް، މުޖުތަމައުގައި އުޅޭ އާއްމުންގެ ފަރާތުން ރީތި ނަމެއް ނުލިބޭނޭ. ތައުރީފްގެ ބަހެއް ނުލިބޭނެ. އަބަދުވެސް ތިބޭފުޅުންނަށް ޖަހާނީ ހަޖޫ. ކުރާނީ މަލާމާތް،" ފައިސަލް ވިދާޅުވި އެވެ.
ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރުމަށްޓަކައި އަދުލަށް ހުކުމްކޮށްދެއްވުމަށް މިއަދު ހުވައި ކުރެއްވި ހަތް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
"ތިއިން ކޮންމެ ބޭފުޅަކުވެސް މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރުމަށްޓަކައި ޝަރީއަތް ކުރައްވާށޭ. މައްސަލަތައް ނިންމަވާށޭ. އަދުލަށް ހުކުމްކޮށްދެއްވާށޭ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ އަށް މިދުވަސްވަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ޖުޑީޝަރީގެ އަގު ވައްޓާލުމަށް މަސައްކަތް ތަކެއް ބަޔަކު ކުރަމުންދާ ކަމަށެވެ.
ފައިސަލް ވިދާޅުވީ، މިއަދު ފެންނަނީ ބިނާ ކުރަނިވި ފާޑު ކިއުމުގެ ބަދަލުގައި ތަން ހަލާކު ކުރުމަށްޓަކައި ފަނާކުރަނިވި ފާޑު ކިޔަމުންދާ މަންޒަރު ކަމަށެވެ.
އޭނާގެ ވާހަކަފުޅުގައި މައްސަލައެއް ހުށަހެޅުމުން ދެ ހަސްމުން ހިތް އުފާވާ ގޮތަކަށް ނުވަތަ ދެ ހަސްމުން ހިތްހަމަޖެހޭ ގޮތަކަށް ހުކުމް ކުރީއޭ ބުނާނެ މީހަކު ނާންނާނެ ކަމަށާއި، މައްސަލަ ނިމޭނީ އަބަދުވެސް ކޮންމެވެސް އެއްކޮޅަކަށް ކަމަށް ވިދާޅުވި އެވެ.