ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާ 661 ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއް، ތިނެއްގެ ފްލެޓްތަކަށް ޝަރުތުހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަން އާންމު ނުކުރެއްވީ ތަހުޒީބީ ކަމަކަށް ނުވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހައުސިންގް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ނަން އާންމު ނުކުރެއްވީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން އެ ކަމަކީ ތަހުޒީބީ ކަމަކަށް ވެސް ނުވާތީ ކަމަށެވެ.

"ލިސްޓްގައި ފޯމް ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންގެ އަދި ނުލިބޭ މީހުންގެ ހައްގު ރައްކާތެރިކުރުމަށް. ފްލެޓްތައް ދޫކުރެވިފައި މިވަނީ މިވަގުތު ގެދޮރުވެރިކަން އެންމެ ހައްގު ފަރާތްތަކަށް އިސްކަންދީގެން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިން ބުރަށް ހުރިހާ ފޯމުތަކެއް އަލުން ބެއްލެވި ކަމަށާއި މާލޭގެ ގެތަކަށް މިނިސްޓްރީގެ ޓީމުތައް ގޮސް އެ ގެތަކުގެ ހާލަތު ބަލައި އެންމެ ހައްގު ފަރާތްތައް ހޯދައި ބެލި ކަމަށެވެ. އަދި އެއްވެސް މީހަކަށް ދެ ފްލެޓެއް ނުދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބެ އެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ.

ކެޓަގަރީ ދޭކުން 161 މީހަކަށް ފްލެޓް ލިބެ އެވެ. އެ ކެޓަގަރީގައި ހިމެނޭ މީހުންނަކީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނެވެ.

ކެޓަގަރީ ތިނަކުން 25 މީހަކަށް ފްލެޓް ލިބޭ އިރު އެ ކެޓެގަރީގައި ހިމެނޭ މީހުންނަކީ ތިން އާއިލާ އަކަށް ނިސްބަތްވާ މީހުން ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި އެމީހުންނަކީ މާލޭގެ ރަށްވެހިންގެ ތެރެއިން މުޅި ގޯތި އެއްކޮށް ހުރިހާ ބެހެނިވެރިން ދޫކޮށްލާ މީހުންނެވެ.