28 Jul 2011, 09:19
ރާމަﷲ (ޖުލައި 28) : ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްލާން ކުރުމުގެ މައްސަލަ އދ. އަށް ގެންދިޔުމަށއދ. ގައި ހިމެނޭ 193 ޤައުމުގެ ތެރޭން 122 ޤައުމަކުން ތާއީދުކުރާކަން ރައީސް މަހްމޫދް ޢައްބާސް ހާމަކުރައްވައިފިއެވެ.
ފަލަސްތީނުގެ މަރުކަޒީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ އދ.ގެ ޢިއްތިރާފް ލިބުމުން ފަލަސްތީނުގެ ބިންތަކާއި ޙައްޤުތައް ހޯދުމަށް ޓަކައި އިސްރާއީލާއެކު ދައްކާ ސުލްޙައިގެ ވާހަކަތަކުގެ އުސޫލުތައް ބަދަލުވެގެންދާނެ ކަމުގައެވެ.
މިނިވަން ދައުލަތް އިޢްލާން ކުރުމުގެ މައްސަލަ އދ. އަށް ގެންދަން ނިންމީ އިސްރާއީލާއެކު ދެއްކި ދިގުލީ ސުލްޙަިއގެ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ނުލިބުމާއެކު ފަލަސްތީނުގެ ކުރިމަތީގައި އިތުރު ގޮތެއް ނެތިގެން ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
އދ. ގެ ޤަރާރުތަކާއެއްގޮތަށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ނިގުޅައިގަނެފައިވާ ޙައްޤުތައް އަނބުރައި ދިނުމަށް އިސްރާއީލު ދެކޮޅު ހަދަމުންގެންދާއިރު ހިފާފައިވާ ބިންތަށް ދާއިމީ ގޮތަކަށް ޔަހޫދީ ކުރުމަށްޓަކައި އެބިންތަކުގައި ކުރިޔަށް ގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓާލުމަށް އިސްރާއީލުން ތަކުރާރުކޮށް ދެކޮޅު ހަދާފައިވާ ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
އިސްރާއީލުގެ އިސްތިޢްމާރުގެ ފަހަތުގައި އޮވެގެން ފަލަސްތީނުގެ މިނިވަން ދައުލަތް ޢިޢްލާންކުރުމާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރާނެ ކަމުގެ އިންޒާރު އެެމެރިކާ ދެމުންގެންދެއެވެ. އަދި ފަލަސްތީނުގެ މައްސަލަ ޙައްލު ކުރުމުގައި އދ. ން އެއްވެސް ދައުރެއް އަދާކުރުމަށް އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ. (އަލްޖަޒީރާ)