18 Sep 2017, 12:59
ޒުވާނުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށް އިންޑިއާގައި މިހާރު ފެށިގެން ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް) ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތަކީ ޒުވާނުންގެ ސަމިޓެއް ފެށުމަށް އެންމެ ކަމުދާ ގޮތެވެ.
ޒުވާނުންގެ އަގުވަޒަންކޮށް ސަމިޓުގައި ބައިވެރިވާ އިސްވެރިން ވާހަކަފުޅުދެއްކެވި އިރު، ރަސްމިއްޔާތު އިތުރަށް ފަޅުފިލުވައި ދިނީ ޒުވާނުންގެ ފަރާތުން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ ހުނަރުވެރި ހަރަކާތްތަކުންނެވެ.
ދިވެހިންގެ ހުށަހަޅައިދިން ހުށަހެޅުންތަކުގެ ތެރެއިން: ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި މަޝްހޫރު ފަންނާނުން ބައިވެރިވޭ --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
އެގޮތުން އޮޑިޝާއަށް ހާއްސަ ލަވައަކާ އެކު ފެށި ހުށަހެޅުންތަކުގައި އިންޑިއާގެ ސަގާފީ ދެ ހުށަހެޅުމެއް ފެނިގެންދިޔަ އިރު، ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށް ރީތި ހުށަހެޅުމެއް ފެނިގެންދިޔަ އެވެ. މި ހުރިހާ ހަރަކާތްތަކެއްގެ ތެރެއިން ވެސް ބެލުންތެރިންގެ ފޯރި އެންމެ ކައްކުވާލި އަދި ފޯރިއެރުވި ހަރަކާތަކީ ދިވެހިންގެ ހުށަހެޅުމެވެ.
ސަމިޓުގައި ބައިވެރިވުމަށް އިންޑިއާއަށް އައި ރާއްޖޭގެ ވަފުދުގައި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން އިން ވިދާލި މުހައްމަދު މުއައްޒިން އަދި އޭމާ ހިމެނޭ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑް، "ހަބޭސް ގްރެވިޓީ"ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި ސަމާ މޫސާ (ސަމްކޮ) ހިމެނޭ އިރު ރާއްޖެއިން ރޭ ވަނީ ތިން ހުށަހެޅުމެއް ހުށަހަޅައިދީފަ އެވެ.
ދިވެހިންގެ ހުށަހަޅައިދިން ހުށަހެޅުންތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
އެގޮތުން ރާއްޖޭގެ ހުށަހެޅުންތައް ފެށީ ހަބޭސް ގްރެވިޓީގެ ފޯރިގަދަ ލަވައަކާ އެކު އެވެ. މުއައްޒިންގެ ވަރުގަދަ އަޑުން ރަސްމިއްޔާތު ބޭއްވި މާލަން ގުގުމާލި އިރު ދިވެހި ޒުވާނުންގެ މިއުޒިކީ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ވެސް ފެނިގެންދިޔަ އެވެ.
ބޭންޑުގެ ހުށަހެޅުމަށް ފަހު ތޭރަވާ އަދި ސަމްކޮގެ ދިވެހި ލަވައެއް ހުށަހަޅައިދިން އިރު، ސަމިޓުގައި ބައިވެރިވާ އަންހެން ކަނބަލުންގެ ފަރާތުން ސަގާފީ ހުށަހެޅުމެއް ހުށަހެޅި އެވެ. ދިވެހިންގެ ލޭ ކައްކުވާލާ ބޮޑުބެރުގެ މިއުޒިކާ އެކު ސަމްކޮށް ހުށަހަޅައިދިން އެ ލަވައިގެ ބީޓަށް ސަމިޓަށް ވަޑައިގަތް ތިއްބެވި މެހެމާނުން ވެސް އަތްޖަހާ އަތް ހޫރަމުންދިޔައިރު ބައެއް ބޭފުޅުން ނަށަމުން ވެސް ދިޔަ އެވެ.
ދިވެހިންގެ ހުށަހަޅައިދިން ހުށަހެޅުންތަކުގެ ތެރެއިން: ރާއްޖޭގެ ހުށަހެޅުމަށް ގިނަ ބައެއްގެ ތަރުހީބާ ތައުރީފު ލިބުނު --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ދިވެހިންގެ ސަގާފީ ހުށަހެޅުން ނިންމާލީ ރާއްޖޭގެ މުޅި ވަފުދު ބައިވެރިވި ބޮޑުބެރުގެ ހަރަކާތަކުންނެވެ. ދިވެހިންގެ ސަގާފަތަކީ އޮޑިޝާއަށް އާ ސަގާފަތަކަށް ވުމާ އެކު ދިވެހިންގެ ހުށަހެޅުން ނިންމާލުމުން ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔެވެ.
އަދި ދިވެހިންގެ ހުށަހެޅުމަށް ސަމިޓުގެ އިސްވެރިން ތައުރީފު ކުރި އިރު، ގިނަ ބަޔަކު ބުނާ ގޮތުގައި ދިވެހިންގެ ހުށަހެޅުމުން މުޅިތަން "ފަޅާލި" އެވެ. އަދި މިފަދަ ދެވަނަ ހުށަހެޅުމެއް ނުފެންނާނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ދިވެހިންގެ ހުށަހެޅުމުގައި ބައިވެރިވެ ނެށި އެއްބޭފުޅަކީ އިންޓަނޭޝަނަލް ޔޫތް ކޮމެޓީގެ ފައުންޑާ އަދި ޗެއާމަން ޑރ. ކޭކޭ ސިންހަ އެވެ.
ދިވެހިންގެ ހުށަހަޅައިދިން ހުށަހެޅުންތަކުގެ ތެރެއިން: ރާއްޖޭގެ ހުށަހެޅުމަށް ގިނަ ބައެއްގެ ތަރުހީބާ ތައުރީފު ލިބުނު --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ ހުށަހެޅުމުން މުޅިތަނަށް ދިރުން ގެނުވި އެވެ. އަދި ރަސްމިއްޔާތު ހުށަހަޅައިދިން ހޯސްޓުން ވެސް ވަނީ އެކަން ފާހަގަކޮށް ދިވެހިންނަށް ތައުރީފް ކޮށްފަ އެވެ.