19 Sep 2017, 14:15
ދިވެހި ޒުވާނުންނަށް އެކި ދާއިރާތަކުން ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދޭން ބަނގުލަދޭޝް އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އިންޑިއާގައި މިހާރު ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ރާއްޖެއާއި ބަނގުލަދޭޝްއާ ދެމެދު ބޭއްވި ބައިލެޓްރަލް ވާހަކަތަކުގެ ތެރެއިންނެވެ.
އެ މަޝްވަރާތަކާ ގުޅޭގޮތުން ސޭސްގައި ދިވެހި ސަރުކާރު ތަމްސީލް ކުރެއްވުމަށް ވަޑައިގެން އުޅުއްވާ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ އަހުމަދު 'ސަން' އަށް ވިދާޅުވީ، ބަނގުލަދޭޝްގެ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުންތަކުގައި ޒުވާނުންގެ ކަންކަމުގައި ދެ ގައުމުން އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން ޒުވާނުންނަށް ކުދި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ކަހަލަ ޒުވާނުންގެ ކަންކަމުގައި ބަނގުލަދޭޝްއަކީ ވަރުގަދަ ގައުމެއްކަން ފާހަގަކުރައްވައި ޒަކީ ވިދާޅުވީ، ދިވެހި ޒުވާނުންނަށް ބޭނުންވާ ތަމްރީނާ ތަޖުރިބާގެ ފުރުސަތުތައް ތަނަވަސްކޮށްދޭން ބަނގުލަދޭޝް ސަރުކާރުން ޝައުގުވެރިކަން ފާޅު ކުރެއްވި ކަމަށެވެ.
އަދި ވިދާޅުވީ، ދިވެހި ޒުވާނުންނަށް އެންމެ ބޭނުންވަނީ ބޭރު ގައުމުތަކަށް ގޮސް ތަޖުރިބާ ހޯދުން ކަމަށާއި ބަނގުލަދޭޝްއާއެކު ބޭއްވި ބައްދަލުވުމުން އެކަމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަންނާނީ ސަރުކާރުގެ މަތީ ފަންތީގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވިއެވެ.
މިއަދު ބޭއްވި ބައްދަލުކުރުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ބަނގުލަދޭޝްގެ ޑިރެކްޓަރު ޖެނެރަލް ވަނީ އެގައުމުގެ ޒުވާނުންނަށް ރާއްޖޭގެ ފަތުރުވެރިކަން ދައްކާލައި އެކަމުގެ ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.