18 Sep 2017, 11:05
އިސްލާމްއާބާދު (ސެޕްޓެމްބަރު 18): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ.
ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މިދިޔަ ޖުލައި މަހު ނަވާޒް ޝަރީފް މަގާމުން ދުރުކުރުމުން ހުސްވި މަޖިލިސް ގޮނޑި ކުލްސޫމް ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ކެނޑިޑޭޓަށް ވުރެ 14،188 ވޯޓު އިތުރަށް ހޯއްދަވައިގެން ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެ އެވެ.
ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) އާ އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއިންތިހާބަކީ ސުޕްރީމް ކޯޓުން ނަވާޒް ޝަރީފާ ދެކޮޅަށް ނިންމި ނިންމުމަށް ގައުމުގެ ރައްޔިތުން ތާއިދު ކުރާ މިންވަރު ދައްކައިދިން އިންތިހާބެކެވެ.
ކުލްސޫމް އެ އިންތިހާބު ކާމިޔާބު ކުރެއްވީ އިނގިރޭސިވިލާތުގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަދި އޭނާ އަށް ކެމްޕެއިންކޮށްދެއްވީ ދަރިކަނބަލުން މަރިޔަމް އެވެ. މަރިޔަމް ވަނީ އެއީ އާދައިގެ ކާމިޔާބީއެއް ނޫން ކަމަށާއި އޭގެއިން އެނގިގެން ދަނީ ސުޕްރީމް ކޯޓުގެ ނިންމުން ރައްޔިތުން ގަބޫލު ނުކުރާ ކަން ކަމަށް ވިދާޅުވެފަ އެވެ.
އުމުރުން 67 އަހަރުގެ ނަވާޒް ޝަރީފް މަގާމުން ދުރުކުރީ، ޓެކްސް ނުދެއްކުމަށް ހަދާ އޮފްޝޯ ކުންފުނިތަކާއި ނަވާޒް ޝަރީފްގެ އާއިލާއާ ގުޅުން ހުރިކަން މިދިޔަ އަހަރު ބޭޒާރުކޮށްލި ޕެނަމާ ޕޭޕާސް އިން ހާމަވުމުންނެވެ. ނަމަވެސް ނަވާޒް ޝަރީފް ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ބީބީސީ)