18 Sep 2017, 09:18
ޒުވާނުންނަކީ ގައުމެއްގެ ކުރިއެރުމަށް މުހިއްމު ބައެއް ކަމަށާއި ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރަންޖެހޭކަން ސާކް ގައުމުތަކުން އެއްބަސްވެ، ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް) ކުލަގަދަ ރަސްމިއްޔާތަކާ އެކު ފަށައިފި އެވެ.
އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރު ސިޓީގައި ކުރިއަށްދާ ސޭސް ފައްޓަވައި ދެއްވީ މޭފެއާ ކޮންވެންޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ)ގެ ރައީސް ޖަޔަންތަ ޕަތްރަ އެވެ.
ރަސްމިއްޔާތުގައި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ސާކްގެ އަށް ގައުމުގެ ތެރެއިން ޕާކިސްތާން ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ޒުވާނުންނާ ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާފައިވެ އެވެ.
އޭގެ ތެރޭގައި ސަމިޓުގައި ރާއްޖޭގެ ސަރުކާރު ތަމްސީލު ކުރައްވާ ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަލީ ޒަކީ އެވެ.
ސޭސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އައިވައިސީގެ ރައީސް ޖަޔަންތަ (މ) ހިމެނޭގޮތަށް އޮފިޝަލަކު ސެލްފީއެއް ނަގަނީ --- ސަން ފޮޓޯ
ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް އިސް ބޭފުޅުންގެ ތެރޭގައި ބަނގުލަދޭޝް އަދި ބޫޓާންގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ އިތުރުން 16 އަހަރު ވަންދެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރި އިންޑިއާ ސިވިލް ރައިޓްސް އަދި ޕޮލިޓިކަލް އެކްޓިވިސްޓް އިރޮމް ޝަރްމިލާ ނުވަތަ އަޔަން ލޭޑީ ފާހަގަކޮށްލެވެ އެވެ.
އޭގެ އިތުރުން މޮރިޝަސް އަދި މަލާވީން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި މެލޭޝިއާގެ އޭޝިއަން ޔޫތު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި ޔުނެސްކޯގެ ޗީފް ނޭޝަނަލް ޕްރޮގްރާމް ސްޕެޝަލިސްޓް އަދި ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައިވެ އެވެ.
ސަމިޓުގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ޒުވާނުންގެ މުހިއްމު ކަމާއި ޒުވާނުންގެ ކުރިއެރުމަށް އެގައުމުތަކުން ކުރަމުން އަންނަ ކަންތައްތައް ހިއްސާ ކޮށްފަ އެވެ.
އެގޮތުން ބަނގުލަދޭޝްގެ ޔޫތު މިނިސްޓަރު ޑރ. ބިރެންގެ ވާހަކަފުޅުގައި ޒުވާނުން ތަރައްގީ ކުރުމުގެ ދާއިރާގައި އެގައުމުން ކުރިއަށް ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެއްވި އެވެ.
އަދި ބޫޓާންގެ ޔޫތު މިނިސްޓަރު ރަޖެންދުރާ ކުމާރު ވަނީ އެގައުމުގެ ޒުވާނުން ތަރައްގީ ކުރުމަށް އައިވަސީއާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކޮށް އެ ޖަމިއްޔާގެ އަގުހުރި މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ސޭސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުށަހަޅައިދިން އިންޑިއާގެ ސަގާފީ ނެށުމެއްގެ ތެރެއިން --- ސަން ފޮޓޯ
އިންޑިއާއިން މޮރިޝަސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަގްދިޝް ގޮބޫދޮންގެ ވާހަކަފުޅުގައި ވިދާޅުވީ، މޮރިޝަސްގެ ޖީޑީޕީ ކުރިން އޮތީ 30 ޑޮލަރުގައި ކަމަށާއި ނަމަވެސް ޒުވާނުންގެ މަސައްކަތުން މިހާރު އެ ގައުމުގެ ޖީޑީޕީ 3000 ޑޮލަރަށް އުފުލިފައިވާކަން ފާހަގަކުރެއްވި އެވެ.
އަދި ޔުނެސްކޯގެ ޗީފް ނޭޝަނަލް ޕްރޮގްރާމް ސްޕެޝަލިސްޓް ރަމް ބޫޖްގެ ވާހަކަފުޅުގައި ދުނިޔެއަށް ދިމާވާ ކާރިސާތަކުގައި އެހީވުމުގައި ޒުވާނުން ވަރަށް ބޮޑު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައިވެ އެވެ.
ސަމިޓުގައި ބައިވެރިވި އިސް މަންދޫބުންގެ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އިންޑިއާގެ ސަގާފީ ނެށުމާ ހުށަހެޅުންތައް ކުރިއަށް ގެންދިޔައިރު، ރާއްޖޭގެ ސަގާފީ އައިޓަމެއް ވެސް ވަނީ ދައްކާލައިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ވަފުދާ އެކު އައި ފަންނާނުންގެ ހުށަހެޅުމަށް ފެނިގެންދިޔަ އިރު، ދިވެހިންގެ ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކުރެވުނެވެ.