27 Jul 2011, 21:36
ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ އަތުން 4-0 އިން އަމިއްލަ ގައުމުގައި މޮޅުވެފައި ވިޔަސް ރާއްޖެ ބަލިކުރުން ނޫން އެއްވެސް ނަތީޖާއެއް އީރާން ބޭނުން ނުވާ ކަމަށް އެ ގައުމުގެ ޕޯޗްގީޒް ކޯޗު ކާލޮސް ކުއެރޮޒް ބުނެފި އެވެ.
ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާގައި ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް 17 ލަނޑުޖަހާފައިވާ އިރާން މާދަމާ ރޭގެ މެޗަށް ނުކުތުމުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްއިރޯޒް ބުނީ މާދަމާގެ މެޗަކީ އީރާނަށް މުހިންމު މެޗެއް ކަމަށެވެ. ރާއްޖޭގެ މައްޗަށް މޮޅުވުން ނޫން އެހެން ނަތީޖާއެއް ބޭނުން ނުވާ ކަމަށެވެ.
"މެޗަށް ނުކުންނާނީ އަމާޒް ދިފާއުކުރަން. މޮޅުވާން. އުންމީދަކީ ވެސް އެއީ. އީރާނަށް ރާއްޖެ ކައިރީ ކުޅެވިދާނެ،" ކޯޗް ކުއެރޮޒް ބުންޏެވެ.
އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހިތާ 14 އަހަރު ފަހުން އީރާންގެ ވެރިރަށް ތެހެރާންގެ އަޒާދީ ސްޓޭޑިއަމްގައި މިދިޔަ ހޮނިހިރު ދުވަހު މި ދެ ޓީމު ކުރިމަތިލިއިރު އީރާންގެ ސަޕޯޓަރުންނާއި އީރާންގެ މީޑިއާތަކުން ވަނީ އެޓީމަށް ފާޑު ކިޔައިފަ އެވެ. އެހެންނަމަވެސް ކޯޗް ކުއެރޮޒް ބުނީ، ރާއްޖޭގެ ފުޓްބޯޅަ އެހާރާ މިހާރު ވަރަށް ބޮޑުތަން ތަފާތު ވެއްޖެ ކަމަށާއި ފުޓްބޯޅައިގައި ކާމިޔާބު ކޮންމެ ޓީމަކަށް ވެސް ލިބުން ވަރަށް ކައިރި ކަމަށެވެ.
"އަހަރެންވެސް އުންމީދު ކުރި ނަތީޖާއެއް ނޫން އީރާނުން އަމިއްލަ ޤައުމުގައި ނެރުނީ. އަހަރެން ހީކުރީ ނަތީޖާ އެއްއަށް ވުރެވެސް ބޮޑު ވާނެ ކަމަށް. އަހަރެން ދިވެހި ޓީމަށް އިޙްތިރާމް ކުރަން. އީރާން ޓީމްވެސް އިޚްތިރާމް ކުރާނެ. މާދަމާގެ މެޗަށް ޓީމް ނުކުންނައިރު ދިވެހި ޓީމަށް އީރާނުން ވަރަށް އިޚްތިރާމް ކުރާނެ"ކޯޗް ކުއެރޮޒް ބުންޏެވެ.
ކުއެރޮޒް ބުނީ ރާއްޖެ ކޮޅަށް މާދަމާރޭގެ މެޗްގައި ލަނޑު ޖެހެން ޖެހޭނެ ކަމަށާއި ޓީމް މިހާރުވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައި ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި 2000 ވަނަ އަހަރު ސީރިއާގައި ކުޅުނު މެޗުގައި އީރާން އަތުން ރާއްޖެ ބަލިވީ 8-0 އިންނެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ.
މާދަމާ ރޭގެ މި މެޗް އެމްއެންބީސީ ވަން އިން ލައިވް ކުރާއިރު، ރާއްޖެ ރޭޑިއޯ އިން ވެސް ލައިވް ކުރާނެއެވެ. މެޗްގެ ޓީކެޓް މިހާރުވެސް މިކެމުން އަންނަ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދޭއިރު، ޓިކެޓުގެ އަގުތައް އުޅެނީ 10ރ. އާއި 35ރ. ދެމެދުގެ އަގުތަކެއް ގައި ކަމަށެވެ.