19:00


އިސްލާމާއި ދިވެހި މާއްދާ އިޚްތިޔާރީ މާއްދާއަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަކީ، އަގީދާ ބަލިކަށިކޮށްލުމަށް ދީނުގެ އަދާވާތްތެރިން ދުރާލާ ރާވަމުން ގެންދާ ރޭވުމެއް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިލިޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.


އިސްލާމާއި ދިވެހި މާއްދާ އިޚްތިޔާރީ މާއްދާއަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަން ބަދަލުކުރުމަށް ގޮވާލައި، އެކަމާ ބެހޭގޮތުން އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޝައިހު އިލިޔާސް މިއަދު ވިދާޅުވީ، މިކަމުގެ ސަބަބުން ގައުމުގައި މައްސަލަތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް ގައުމުން ފެންނަމުން މިދާ ނޭދެވޭ ކަންތައްތަކަކީ ކުދިންގެ އަގީދާ ބަލިކަށިވުމުގެ ސަބަބުން ދިމާ ކަންތައްތައް ކަމަށް ވެސް ޝައިހް އިލިޔާސް ވިދާޅުވި އެވެ.


އަދާލަތު ޕާޓީގެ ރައީސް ޝައިހް ހުސެއިން ރަޝީދު އަހްމަދު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެޅި މި ފިޔަވަޅަކީ އިސްލާމް ދީން ރާއްޖެއިން ނެތިގެންދާނެ ނުވަތަ ހީނަރުވެގެންދާނެ ފަދަ ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ދީނާއި ސަގާފަތާއި އަގީދާ އާއި ބަހަށް ސަމާލުކަން ނުދިނުމުގެ އަލާމާތެއް ކަމަށް ވެސް ޝައިހު ހުސެއިން ރަޝީދު ވިދާޅުވި އެވެ.


އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީ މިގޮތަށް ނިންމަވާފައި ވަނީ އެކަމާ ބެހޭގޮތުން އަދާލަތު ޕާޓީން މިނިސްޓަރާ މަޝްވަރާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ އަށް ސިޓީ ފޮނުއްވާފައި ވަނިކޮށް ޖަވާބެއް ދެއްވުމެއް ނެތި ކަމަށް ވެސް ޝައިހު ހުސެއިން ރަޝީދު ވިދާޅުވި އެވެ. މިފަދަ ބޮޑު ކަމެއް ހިނގަމުންދާއިރު އެކަމާ ބެހޭގޮތުން ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ދެންނެވުމުން ޝައިހް ހުސެއިން ރަޝީދު ވިދާޅުވީ، އެ ކަންތައް ރައީސް ނަޝީދަށް އެނގިވަޑައިނުގަންނަވަނީ ކަމަށެވެ. އަދި އެ މަނިކުފާނަށް ސިޓީ ފޮނުއްވާފައި ވަނީ އިއްޔެ ކަމަށާއި، އެކަމާ ބެހޭގޮތުން ރައީސް ނަޝީދު ފިޔަވަޅު އަޅުއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް، ހޯމް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ޝައިހު ހުސެއިން ރަޝީދު ވިދާޅުވި އެވެ.


މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް މި ދެ މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ބަޔަކު އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީގެ ގޭދޮށަށް އެއްވެ އެމަނިކުފާނުގެ އިސްތިޢުފާ އަށް ރޭ ވަނީ ގޮވައިފަ އެވެ.


އެޑިއުކޭޝަން މިނިސްޓަރ ދިރިއުޅުއްވާ މއ. ވިކްޓަރީ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު ރޭ ގާތްގަނޑަކަށް ދިހައެއްޖަހާކަންހާއިރު އެއްވެ، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިފައި ވަނީ އަންނަ އަހަރުން ފެށިގެން މަތީސާނަވީގައި ދިވެއްސާއި އިސްލާމް މި ދެ މާއްދާ އިހްތިޔާރީ މާއްދާގެ ގޮތުގައި ހެދުމަށް އެޑިކޭޝަނުން ހަމަޖައްސާފައި ވަނީ ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ފޮހެލުމަށް ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ގިނަ ބޯޑުތަކެއް ހިފައިގެން އެޑިއުކޭޝަން މިނިސްޓަރގޭ ކައިރިއަށް އެއްވި މީހުން ގޮވަމުންދިޔައީ އެމްޑީޕީގެ މެނިފެސްޓޯ ހިމާޔަތްކުރުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށާއި ދިވެހި ބަހަށް އިހްތިރާމް ކުރުމަށެވެ. އަދި އެކަންތައްތައް ނުކޮށްދެވެންޔާ އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ވެސް އެއްވެ ތިބި މީހުން ގޮވަމުންދިޔަ އެވެ.


ގާތްގަނޑަކަށް 70 އެއްހާ މީހުން އެއްވި އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ އަދަދަކަށް ފުލުހުން ވެސް ރޭ އެ ގޭދޮށުގައި ވަނީ ހަރަކާތްތެރިވެފަ އެވެ. އެ މުޒާހަރާގެ ބައިވެރިން މުޒާހަރާ ނިންމާލީ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ބުނެ އެވެ. އަދި މައްސަލަ އަށް ހާލެއް ނައިސްފި ނަމަ މިރޭ ވެސް މުޒާހަރާ ބާއްވާނެ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.


މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކިއެއް ބުނެފައެއްނުވެ އެވެ.