ބަނގުލަދޭޝްގައި އެހީ ފޯރުކޮށްދެމުންދިޔަ ލޮރީއަކުން ބަހަމުންދިޔަ ތަަކެތި ހޯދުމަށް މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ ގިނަ މުސްލިމުންތަކެއް ޖަމާވެ ފިތި ބާރުވުމުގެ ސަަބުބުން ރެފިއުޖީ ކޭމްޕޭއްގައި ތިން މީހަކު މަރުވެއްޖެއެވެ.

އދ. އާއި އެހީ ދޭ ދެ ޖަމްއިއްޔާއަކުންް ނެރެފައިވާ ރިޕޯޓެއް ބުނެފައި ވަނީ އެ ހާދިސާ ހިނގަންމެދުވެރިވީ ބަނގުލަދޭޝްގެ ބުލުކާލީ ޕޭން ބާޒާރު ސަރަހައްދުގެ ތެރެއަށް ހުއްދަ ނުނަގައި ވަތް ލޮރީއަކުން ހެދުންތައް ބަހަންފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އެ ސަރަހައްދަށް ވަނުމުގެ ސަބަބުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ދެ ކުޑަކުދިންނާއި އަދި އަންހެނެކެވެ.

އެ ސަރަހައްދަށް ވަނުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވިޔަސް އެހީދޭ އަމިއްލަ ފާރާތްތަކުން އެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ވަންނަމުންދާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ބަނގުލަދޭޝްގެ ބައެއް މާހިރުން ވަނީ އެގައުމުގެ ސަރުކާރުން އެހީ ދިނުމުގަައި ގެންގުޅޭ ދޯހަޅި ގޮތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި ލޮރީތަކުން އައިސް އެއްޗެތި ބަހާ ކޮންމެފަހަރަކު ހަމަނުޖެހުން ހިނގާކަމަށްވެސް ބުނެފައިވެއެވެ.

މިފަހުން ހަމަނުޖެހުންތައް ފެށުނުފަހުން ރޮހިންގާގެ ގިނަބަޔަކު ކުދިކުދި ބޯޓުތަކުގައި ހުރަސްކޮށް އެ ބޯޓުތައް ބަންޑުން ޖަހާލުމުގެ ސަބަބުން ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން މަރުވެސް ވެފައިވެއެވެ.

އދ. އިން އަންދާޒާ ކުރާގޮތުގައި ބަނގުލަދޭޝަށް އެތެރެވި ރޮހިންގާ މުސްލިމުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކައަށް އަރައިފައެވެ.