18 Sep 2017, 00:07
ދާދި ފަހުން އދ. ގައި ނެގި ވޯޓަކީ މިޔަންމާގެ ރޮހެންގާ މުސްލިމުންނާ ގުޅުން ހުރި ވޯޓެއް ނޫން ކަމަށާއި އެފަދަ ވޯޓެއް ނަގާ ނަމަ ރޮހިންގާ މުސްލިމުންގެ ދިފާއުގައި އެންމެ ފުރަތަމަ ނިކުންނާނީ ރާއްޖެއިން ކަމަށް ރާއްޖެ އިން ސްރީލަންކާ އަށް ކަނޑުއަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގައި ރޭ ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ޔޫއެންގައި ދާދި ފަހުން ނެގި ވޯޓު ތަފްސީލް ގިނަ ފަރާތްތަކަކަށް ނޭނގޭ ކަމަށާއި އެ ވޯޓާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ހަގީގަތާ ޚިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ މާދަމާ ވޯޓެއް ނެގިޔަސް ރޮހިންގާ މުސްލިމުންނާއެކު ސަރުކާރު އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ރޮހިންގާ މުސްލިމުންނާ ގުޅޭ ވޯޓެއް މާދަމާ ނެގި ނަމަވެސް ރޮހިންގާ މުސްލިމުންނާއި އެކު އަޅުގަނޑުމެން ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން. އެއީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން ކުރަން ލާޒިމް މަޖުބޫރު ކަމެއް،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ޔޫއެންގައި ދާދި ފަހުން ނެގި ވޯޓަކީ 'އާރު ޓޫ ޕީ' ނުވަތަ ލާއިންސާނީ އަމަލުތަކެއް ގައުމެއްގައި ހިނގާފާނެ ކަމަށް ފާރަވެރިވެ އެކަމުގެ ޒިންމާ މެންބަރު ގައުމުން އދ. ގައި ނަގާނީ ކިހާވަރަކަށްތޯ ބަލަން ނެގި ވޯޓެއް ކަމަށާއި އެ ކޮންސެޕްޓަކީ ވަރަށް ކުރިން ވެސް އދ. ގައި އޮންނަ ކޮންސެޕްޓެއް ކަމަށެވެ.
"ޔޫއެންގައި ނެގުނު ވޯޓަކީ ރޮހިންގާ މުސްމިލުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގަތުލުތަކާ ސީދާ ގުޅުންހުރި ވޯޓެއް ނޫން. އެ ވޯޓަކީ ރެޒޮލިއުޝަނަކަށް ވަކި ކޮންސެޕްޓެއް ނުވަތަ ވަކި އުސޫލެއް އިތުރުކުރަންވީ ތޯ ނުވަތަ ނޫންތޯ ބަލަން ނެގި ވޯޓެއް. އެއީ މުސްލިމުންނާ ސީދާ ގުޅުންހުރި ވޯޓެއް ވެސް ނޫން،" މުންދު ވިދާޅުވިއެވެ.
އެމްޑީޕީ އިސްވެ އޮވެ އެފަދަ ދޮގު ޚަބަރެއް ފަތުރަމުންދާ ކަމަށާއި އެއީ އެ ޕާޓީގެ ވެރިކަމުގައި އދ. ގައި ފަލަސްތީނާ ގުޅުން ހުރި މުހުންމި ވޯޓެއްގައި ބައިވެރިނުވުމުން އަމާޒުވި ފާޑުކިޔުންތައް އޮއްބާލުމަށް ކަމަށް ކުރާ ކަމެއް ކަމަށެވެ.
"ރާއްޖެއިން އެ ވޯޓުގައި ބައިވެރިނުވި ސަބަބެއް މިއަދާ ހަމައަށް ވެސް އެމްޑީޕީން ހާމަކޮށްފައެއްނުވޭ،" މުންދު ވިދާޅުވިއެވެ.
ޑިޕްލޮމެސީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވައިގެން ހުރި މުންދު ވިދާޅުވީ ރޮހިންގާ މުސްލިމުންނާ ގުޅުން ހުރި ކަންކަމުގައި އެންމެ ކުރީ ސަފުގައި ރާއްޖެއިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިޔަންމާއާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ގިނަ ގައުމުތަކަކުން ފާހަގަކުރަމުންދާ ކަމަށެވެ.