17 Sep 2017, 23:47
ވަކި ވަކި ފުލުހުން ހިންގާ ޖިނާއީ އަމަލުތަކުގެ ޒިންމާ ފުލުހުންގެ އިދާރާ އިން ވެސް ކަމަށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ބުނެފިއެވެ.
ޔާމީން ރަޝީދުގެ އާއިލާ އިން މިހެން ބުނެފައި ވަނީ އޭނާ މަރާލި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބަލައިފިނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަގުސަދު ހާސިލުނުވާނެ ކަމަށް އެ ކޯޓުން މިއަދު ކުރި ހުކުމްގައިވެއެވެ.
ޔާމީން ރަޝީދުގެ އާއިލާ އިން ނެރުނު ބަޔާނުގައި ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، އެކޮމިޝަނަށް ބެލެނީ ވަކި ވަކި ފުލުހުންގެ މައްސަލަތައް ކަމަށެވެ. އެހެންކަމުން، ފުލުހުންގެ އިދާރާގެ ފަރާތުން ހިންގާ ގާނޫނާ ޚިލާފު އަމަލުތަކުގެ މައްސަލަތައް ނުވަތަ އެމުއައްސަސާއިން އިހުމާލުވާ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަންޖެހެނީ ވަކިވަކި ފުލުހުންގެ މައްޗަށްކަން އެމައްސަލައިގެ ނިންމުމުން އެގޭ ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް އާއިލާ އިން ގަބޫލުކުރާ ގޮތުގައި ވަކިވަކި ފުލުހުން ހިންގާ ގާނޫނާ ޚިލާފު އަމަލުތަކުގެ ޒިންމާ އެ ފުލުހުންގެ އިތުރުން މުޅި ފުލުހުންގެ މުއައްސަސާއިންވެސް ނަގަންޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. "އިންސާފަށް ވާސިލުވުމަށްޓަކައި މި ދެފަރާތަކީވެސް ގާނުނު ކުރިމަތީގައި ޒިންމާދާރުކުރެވެން ޖެހޭނެ ދެފަރާތެވެ. މިއީ އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަކަށް އެޅުނު ހުރަހެއްކަމުގައިވީނަމަވެސް، ޔާމީނަށް އިންސާފު ލިބެންދެން އަޅުގަނޑުމެން މިސައްކަތް ހުއްޓާ ނުލާނެ ވާހަކަ ދަންނަވަމެވެ،" ޔާމީން ރަޝީދުގެ އާއިލާ އިން ނެރުނު ބަޔާނުގައިވެއެވެ.
ޔާމީން ރަޝީދުގެ ބައްޕަ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރީ 2010 ވަނަ އަހަރުން ފެށިގެން އެކި ވަސީލަތްތައް ބޭނުންކޮށްގެން ޔާމީން ރަޝީދަށް ބަޔަކު އިންޒާރުދިން މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވީނަމަވެސް އެ މައްސަލަތައް ބަލާފައިނުވާއިރު، މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް އޭނާ މަރާލާފައިވާތީއެވެ.
ޔާމީން ރަޝީދުގެ ބައްޕަ ކުރި ދައުވާގައި ވަނީ ޔާމީން ރަޝީދަށް ހުއްޓުމެއް ނެތި މަރުގެ އިންޒާރު ލިބެމުންދިޔަނަމަވެސް އޭނާ އަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފުލުހުންގެ އިދާރާ އިން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އެނާ އަށް ރައްކާތެރިކަން ފޯރުކޮށްދީފައިނުވަނީ ފުލުހުންގެ މުއައްސަސާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ވަނީ ތުހުމަތުކޮށްފައެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލި މީހުން ގަބޫލުކުރާގޮތުގައި އޭނާ އަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއް ކަމަށެވެ. އަދި އޭނާ މަރާލުމަށް ހިއްވަރުދިން ބަޔަކު ވެސް އެބަތިބި ކަމަށާއި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.