17 Sep 2017, 20:35
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް މެޗުން ދެ ޓީމަށް ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދީ އާސެނަލް އިންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ކޮޅު އާސެނަލްގެ ޑެނީ ވެލްބެކް އަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ހެކްޓާ ބެލަރިން ހުރަސް ކުރި ބޯޅަ ވެލްބެކް ފޮނުވާލީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޗެލްސީގެ ފެޑްރޯ އަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޕެޓަ ޗެކް ވަނީ މަތަ ކޮށްފައެވެ.
މެޗުގެ ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައި ވަނީ އާސެނަލްގެ އަރޮން ރަމްސޭ އަށެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖެހުމަށް މާ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިނުވާއިރު، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޗެލްސީގެ ޑޭވިޑް ލުއިސް ކުރި ފައުލަކާ ގުޅިގެން ވަނީ އޭނާ އަށް ރަތް ކާޑު ދައްކާފައެވެ.
އެ މެޗުން އެއް ވަރު ވުމުން ޗެލްސީ މިވަނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ހޯދައި ތާވަލުގެ ތިން ވަނަ މަގާމު ދަމަހައްޓާފައެވެ. އާސެނަލް ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓު ލިބި، އޮތީ ތާވަލުގެ 12 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީއެވެ.