17 Sep 2017, 19:01
ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މާލޭގައި ވެސް އަޑުއުފުލުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލަމުންދާ ކަމަށާއި ނަމަވެސް މާލޭގައި އެފަދަ ހަރަކާތެއް ހިންގާފައި ނުވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތައް ގުޅިގެން މާލޭގައި އެކަމާ ދެކޮޅަށް އަޑުއުފުލައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޭނާ ގޮވާލެއްވިއެވެ.
"މުޅި ދިވެހިރާއްޖޭގެ ދިވެހި ރައްޔިތުން މިވަނީ މިއަދު މިކަމާ ދެކޮޅަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަމާ ދެކޮޅަށް އަޑު އުފުލަމުން މިދަނީ. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑު ހަމަ ގޮވާލަން ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީތަކަށާއި، ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ގުޅިގެން މާލޭގައިވެސް މިކަމުގައި އަޑު އުފުލަން،" ޑރ. މަޖީދު ވިދާޅުވި އެވެ.
މަޖީދު ވަނީ، 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' (އާރުޓޫޕީ) ގެ އުސޫލުގެ ނަމުގައި އދ.ގެ އާންމު ޖަލްސާގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިވެފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
އެ ވޯޓުގައި ބައިވެރި ނުވުމާ ގުޅޭ ގޮތުން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ، ވޯޓުގައި ރާއްޖެއިން ބައިވެރި ނުވީ ގައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ގައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ ކަމަށެވެ.
މަޖީދު ވިދާޅުވީ، މުސްލިމް ބާރުގަދަ ގައުމުތަކުން ބައިވެރިވެފައިވާ އިރު ދިވެހި ދައުލަތުން އެ ވޯޓުގައި ބައިވެރި ނުވުމުން ރާއްޖެއަކީ، މުސްލިމް މައިނޯރިޓީން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ނުދޭ ދައުލަތެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ، މިޔަންމާގައި ކުރިއަށްދަނީ ނަސްލެއް އެއްކޮށް ނައްތާލުމުގެ މަސައްކަތެއް ކަމަަށާއި، އެމީހުންގެ ޝިޔާރަކީ މުސްލިމުން ނެތް މިޔަންމާއެއް ބިނާކުރުން ކަމަށެވެ. މިޔަންމާގެ މުސްލިމް ރައްޔިތުންނަށް ބޮޑެތި އަދަބުތަކެއް ދެމުންދާއިރު، ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް އެކަމާ ހިތާމަކޮށް އެހީތެރިވެ ދުއާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނާރާ ވިދާޅުވީ، މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެކަންކަމާ ދެކޮޅަށް ހުރިހާ ދިވެހިންވެސް އަޑުއުފުލުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފް ވިދާޅުވީ، މުސްލިމުންތަކަކަށް އަނިޔާ ލިބެމުންދާއިރު، އެމީހުންނަށް ނަސްރުދީ، އެމީހުންނަަށް އެހީތެރިކަން ފޯރުކޯށްދިނުމަކީ މުސްލިމުންގެ ހައިސިއްޔަތުން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިޔަންމާގެ މުސްލިމުންނާ އެކު ތިބިކަން ދައްކައި އެމީހުންނަށް އެހީތެރިވެދިނުމަކީ އެމީހުންނަށް ނަސްރު ދިނުމަށް ކުރެވިދާނެ ކަންކަން ކަމުގައި އިޔާޒު ފާހަގަ ކުރެއްވި އެވެ.