މިއަދު ހެނދުނު ތާރުއެޅުމުގެ މަސައްކަތް ފެށި، ހދ. ކުޅުދުއްފުށީ ފަނޑިޔާރު މަގުގައި އެއްކޮށް ތާރުއަޅައި އެމަސައްކަތް މިއަދު ނިންމާލައިފި އެވެ.

އެމްއާރްޑީސީން ބުނީ، ކުޅުދުއްފުށީ ފަނޑިޔާރު މަގުގައި ތާރުއަޅަން ފެށީ، މިއަދު ހެނދުނު 7:00ގައި ކަމަށާއި އަދި އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިއަދު މެންދުރު ފަހު 3:00އާ ހަމައަށް ނިންމާލެވިފައިވާ ކަމަށެވެ.

އެމްއާރުޑީސީން މިއަދު ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް މި ވަގުތު އެންމެ އެކަށީގެންވާ ބާރު ސްޕީޑްގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި މޫސުން އެއްކޮށް ރަނގަޅުވުމުން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އާބާދީގައި ގާތްގަޑަކަށް 12000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި ތާރު އަޅަން ފަށައިފައި ވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

ހދ ކުޅުދުއްފުށީ ފަނޑިޔާރު މަގުގައި ތާރު އަޅަން ފެށީ މިއަދު. މިހާރުވަނީ އެއްކޮށް ނިންމާލާފައި --

މިއަދު ތާރު އަޅަން ފެށި މަގުގެ މަސައްކަތް ނިންމާލެވޭނޭ ކަމަށް އެމްއާރްޑީސީން ކުރިން ލަފާކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހާ ހަމައަށެވެ. ނަމަވެސް މިއަދު އެ މަސައްކަތް ފެށިގޮތަށް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްއާރްޑީސީން މައުލޫމާތުދެއެވެ. އަދި ކުޅުދުއްފުށީގެ 19 މަގެއް ރަނގަޅު ފެންވަރުގައި ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއަކީ ހައުސިންގް މިނިސްޓްރީން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ ދަށުން ފަހެއް ޕޮއިންޓް އަށެއް ކިލޯ މީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައި ވާކަމަށް އެމްއާރުޑީސީއިން ބުންޏެވެ. އަދި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހދ ކުޅުދުއްފުށީ ފަނޑިޔާރު މަގުގައި ތާރު އަޅަން ފެށީ މިއަދު. މިހާރުވަނީ އެއްކޮށް ނިންމާލާފައި --

ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ނިމޭއިރު އެރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއާރްޑީސީ އިން ބުނި ގޮތުގައި ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ ތެރޭގައި އެ ރަށު މަގުތަކުގައި ފެންބޮޑުވުމަށް ދިމާވާ މައްސަލަ ޙައްލުކުރުމަށް ދެ ޕަމްޕް ސްޓޭޝަން ހެދުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެހެންކަމުން ތާރު އަޅާ ނިމުމުން ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ މައްސަލައަށް ހަލެއް ލިބިގެންދާނެ ކަމަށް އެމްއާރުޑީސީ އިން ބުންޏެވެ.