އީރާންއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގެ ދެވަނަ ލެގުގުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ނުކުންނައިރު ޓީމްގެ އަމާޒަކީ މެޗް އެއްވަރު ކޮށްލުން ކަމަށް ދިވެހި ޤައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް )ދަނގަޑޭ( ބުނެފި އެވެ.

މާދަމާގެ މެޗަށް ތައްޔާރުވުމުގެ ގޮތުން މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކެޕްޓަން ދަނގަޑޭ ބުނީ، އަމިއްލަ ދަނޑުގައި މެޗް ކުޅުނު ކަމުގައި ވިޔަސް ބޭނުން ވަނީ ބަލިވުން ނޫން ކަމަށާއި ބޭނުން ވަނީ މެޗް އެއްވަރު ކޮށްލަން ކަމަށެވެ.

"ބަލިވާން ބޭނުމެއް ނޫން. ޓާގެޓަކީ މެޗް އެއްވަރު ކޮށްލުން. އަޅުގަނޑު ދެކޭ ގޮތުގައި އިރާންގައި ކުޅުނު މެޗުން ބަލިވީ އެޤައުމު މާ އުސްވީމަ. އެހެންވެ ނޭވާލާން އުނދަގޫވި. އެކަމަކު މާދަމާރޭގެ މެޗުން ބަލިވާކަށް ބޭނުމެއްނޫން،" ކެޕްޓަން ދަނގަޑޭ ބުންޏެވެ.

ދެ ވަނަ ލެގުގައި މާދަމާ 5-0 ލަނޑުން އިރާން ބަލިކުރުމަށްފަހު ނޫނީ ރާއްޖެއަށް ހިންދަމައިލުމުގެ ފުރުސަތު ނެތް އިރު ޓީމްގެ އާޖެންޓީނާގެ ކޯޗް ޑިއޭގޯ ކްރިސިއާނީ ބުނީ، މެޗަށް ނިކުންނާނީ އީރާން ޓީމަކީ މޮޅު ޓީމެއްކަން ދަނެ، ރަނގަޅު ކާމިޔާބީއަކަށް ކަށެވެ.
"މެޗްގައި ދިވެހި ސަޕޯޓަރުންގެ ހިތް ވަރު ވަރަށް މުހިންމު. ދިވެހި ޓީމާއެކު ސަޕޯޓަރުން ތިބި ނަމަ ދިވެހި ޓީމް ރަނގަޅު ނަތީޖާއެއް ދައްކާނެ ކަމަށް އުންމީދު ކުރަން. ޓީމްގެ އެންމެ ފަހު ފަރިތަކުރުންތައް މިރޭ އޮންނާނެ،" ކޯޗް ކްރިސިއާނީ ބުންޏެވެ

އީރާންގެ ވެރިރަށް ތެހެރާންގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަތުން އީރާން މޮޅުވީ 4-0 އިންނެވެ.

އީރާން އާއި ރާއްޖެ މިހާތަނަށް ފަސް މެޗުގައި ވާދަކުރިއިރު ރާއްޖެ ކޮޅަށް އީރާނުން ވަނީ 41 ލަނޑު ޖަހައިފަ އެވެ. ރާއްޖޭގެ ސީނިއާ ޓީމަށް އީރާން ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުން ރާއްޖެ ކެޓީ ޔަމަނާ ވާދަކޮށް ދެ މެޗުގެ އެގްރިގޭޓުން 3-2 އިން ބަލިވެގެންނެވެ. ފުރަތަމަ ލެގުގައި ޔަމަނުގައި ރާއްޖެ 3-0 އިން ބަލިވިއިރު މާލޭގައި ރާއްޖެ މޮޅުވީ 2-0 އިންނެވެ.

ދުނިޔޭގެ ރޭންކިންގައި އީރާން 50 ވަނާގައި އޮތް އިރު ރާއްޖެ އޮތީ 151 ވަނާގައެވެ.