17 Sep 2017, 15:48
ވޭސްޓް މެނޭޖްމެންޓް ސެންޓަރު (ވެމްކޯ) އިން ދެމުންދާ ކުނި އުކާލުމަށް ގޭބިސީތަކުން ދައްކަންޖެހޭ ފީގެ ބިލު ފޮނުވުމަށް އޮންލައިން ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފި އެވެ.
އެއްވެސް ގެއަކަށް އަދި މިހާތަނަށް ބިލު ފޮނުވާފައި ނުވާނެ ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ބިލު ގޭގެއަށް ކަރުދާހުގެ ގޮތުގައި ފޮނުވުމުގެ ބަދަލުގައި އެޔަށްވުރެ ފަސޭހަ އިންތިޒާމެއް ހަމަ ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިިން ބުންޏެވެ.
" އެސްއެމްއެސް އަދި މެއިލުން ފޮނުވުމާ ބެހޭ މަޝްވަރާތަކެއްވެސް އެބަ ކުރިއަށްދޭ،" ވެމްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަދި އެ ސިސްޓަމުގެ އެހީގައި އޮންލައިންކޮށް ބިލު ދެއްކިގެންދާނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ. އޭ އިތުރުން ބިލު ދެއްކުމަށް ހެޑް އޮފީސް ނޫން އެހެން ބިލު ދެއްކުމުގެ ހިދުމަތްދޭ ތަންތަނަށް ގޮސް ބިލުދެއްކޭނެ ފަދަ އިންތިޒާމެއް ހަމަ ޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެމްކޯއިން ބުންޏެވެ.
މިހާރު ވެސް ވެމްކޯ ބިލު ދައްކަން ބޭނުންވާ ފަރާތްތަކަށް ވެމްކޯ ހެޑް އޮފީހަށް ގޮސް ބިލު ދެއްކޭނެ ކަމަށް ބުންޏެވެ. މިދިޔަ މަހުގެ ބިލު ނުދެއްކި ނަމަވެސް ވެމްކޯއިން ދެމުންދާ ކުނި އުކުމުގެ ހިދުމަތް އެއްވެސް ގެއަކުން އަދި ކަނޑާލާފައި ނުވާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ކުނިއުކާލުމަށް ކޮންމެ ގޭބިސީއަކުން ނަގަނީ 150 ރުފިޔާ އެވެ.