17 Sep 2017, 13:31
މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރާއިރު ސަމާލުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ބްރޯޑް ކޮމްއިން އިއްޔެ ބުނީ ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާގެ މަންޒަރުތައް މިންގަޑުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަމަށެވެ.
ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައި ވަނީ އެ މަންޒަރުތައް ރިޕޯޓު ކުރާއިރު ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން އަށް ރިއާޔަތްކުރަން ވާނެ ކަމަށެވެ.
މި ފަދަ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އެބައިމީހުންގެ އިންސާނީ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމަށް ބްރޯޑްކޮމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ހިތާމަވެރި ހާދިސާތަކުގައި މަރުވާ މީހުންނާއި ގެއްލިފައިވާ މީހުންނާއި އަނިޔާވެ އަދި ޒަޚަމުވާ މީހުންގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ބްރޯޑްކާސްޓްކުރކުމުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން އެފަދަ މަންޒަރުތައް ގެނެސްދޭއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށް ޓަކައި އެކަން އަންގައިދޭ މެސެޖެއް ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެ ކަމަށްވެ ސް ބްރޯޑްކޮމްއިން ބުންޏެވެ.