މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް އިން 10 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެސްއޯއެފްގެ މައްޗަށް އެމްއެމްޕީއާރުސީން ދައުވާ ކުރީ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުންޏަށް އެސްއޯއެފުން ދޭން ޖެހޭ 10.7 މިލިއަން ޑޮލަރު ދިނުމަށް އިންކާރުކޮށްފައިވާތީ އެވެ.

އެމްއެމްޕީއާރުސީއަށް އެ ފައިސާ ދެއްކުމަށް އަންގައި ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފައިސާއަކީ އެމްއެމްޕީއާރުސީ އަށް އެސްއޯއެފުން ދައްކަން ނުޖެހޭ ފައިސާއެއްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެސްއޯއެފްގެ ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެކުންފުނީގެ މައްޗަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

އެ މައްސަލައަކީ މީގެ ކުރިން އެމްއެމްޕީއާރުސީން ހާޒިރު ނުވި ކަމަށް ބުނެ ބާތިލްކޮށްފައިވާ މައްސަލަ އެކެވެ. އެހެން ނަމަވެސް އެމްއެމްޕީއާރުސީން ބުނެފައި ވަނީ އެ ކުންފުންޏަށް ކޯޓަށް ހާޒިރުވާން ޗިޓު ލިބިފައިނުވާ ކަމަށާއި ފަހުން ބެލި އިރު ޗިޓް ފޮނުވާފައި ވަނީ އެހެން ތަނަކަށް ކަމަށެވެ.

މިއަދު ހުކުމް ކޮށްފައި ވަނީ އެމްއެމްޕީއާރުސީން އެ މައްސަލަ ފަހުން ހުށަހެޅުމުންނެވެ.