ލ. ގަމުގައި ޔުނިވާސިޓީ އަކާއި ޓްރޭނިން ހޮސްޕިޓަލެއް ގާއިމްކޮށް، އެ އަތޮޅުގައި މެޑިކަލް ރިސޯޓެއް ހަދައި ގަތަރު އަމީރު ސްކޫލް، އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް ކުޅިވަރުކުޅޭނެ ސްޓޭޑިއަމްއެއް ގާއިމްކޮށް ލ. އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ފެށުމުގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލ. އަތޮޅުގައި ތަރައްގީގެ މަޝްރޫތަކެއް ފެށުމަށް ސޮއިކޮށްފައި ވަނީ ދެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ދެ އެއްބަސްވުމަކީ 50 އަހަރުގެ މުއްދަތައް 200 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

ފުރަތަ އެއްބަސްވުމެއްގެ ގޮތުގައި ސޮއިކުރީ އިންޑިއާގެ ޔުނިވާސަލް އެންޕެއާ އިންފްރާސްޓްރަކްޗާ ކުންފުންޏާއި ރާއްޖޭގެ ވޯކްސް ކޯޕަރޭޝަނާ ގުޅިގެން އުފައްދާފައިވާ އައިލެންޑް ޑިވެލޮޕްމަންޓް ކޮންޕެނީ )އައިޑީސީ(އާއެކު އެވެ. އެޑިޔުކޭޝަން މިނިސްޓްރީއާ ވެސް ގުޅިގެންވި އެއްބަސްވުމުގެ ދަށުން ދަށުން ލ. ގަމުގައި މަލްޓި-ޑިސިޕްލިނަރީ ޔުނިވާސިޓީއެއް ގާއިމް ކުރާނެ ކަމަށްވެ އެވެ. އަދި އެޔުނިވާސިޓީން ސިއްހީ ދާއިރާ އާއި ވިޔަފާރި އާއި އައިޓީ ދާއިރާގެ އިތުރުން ޓޫރިޒަމްގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއިން ތައުލީމް ހާސިލް ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދެވަނަ އެއްބަސްވުމުގެއް ގޮތުން އައިޑީސީއާ އެކު ހެލްތު މިނިސްޓްރީ އާއި ސައުތު ސެންޓްރަލް ހެލްތު ސާވިސް ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ޓްރޭނިން ހޮސްޕިޓަލް ނުވަތަ ޔުނިވާސިޓީގެ ފެކަލްޓީއަކަށް ބަދަލުވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ލ. ގަމުގެ "ހާންމާދު ބިން ހަލީފާ އަލް-ތާނީ ސްކޫލް" އައިޑީސީން ހަވާލުވެ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލު ކުރާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ވޯކްސް ކޯޕަރޭޝަންގެ ޗެއާމަން އަބްދުލް ރައްޒާގު ވިދާޅުވީ އެ އެއްބަސްވުންތަކުގެ އިތުރުން ލ. އަތޮޅުގައި މެޑިކަލް ރިސޯޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެ ރިސޯޓަކީ އެއަތޮޅުން ފަރުވާ ހޯދާ ބަލިމީހުން ތިބޭ ހާއްސަ ރިސޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަތޮޅުގައި ސްޕޯޓްސް ސްޓޭޑިއަމްއެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް ވޯކްސް ރައްޒާގު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އިބްރާހިމް ރަޝީދު ވިދާޅުވީ އެ އެއްބަސްވުންތަކާއެކު ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.