އިސްލާމްއާބާދު (ސެޕްޓެމްބަރު 17): ވަޓްސްއެޕް މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ ކުށުގައި ނަސާރާ ދީނަށް ތަބާވާ މީހަކު މަރަން ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ނަދީމް ޖޭމްސް ހައްޔަރު ކުރީ ވަޓްސް އެޕް މެދުވެރިކޮށް މުހައްމަދުގެފާނަށް މަލާމާތް ކުރި ކަމަށް އޭނާގެ އެކުވެރިޔަކު ބުނުމުންނެވެ. ޖޭމްސްގެ ވަކީލުން ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އޭޕްރިލް މަހު ޕާކިސްތާނުގެ ޔުނިވާސިޓީއެއްގައި ދީނާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ބަހުސެއްގައި ބައިވެރިވި މަޝަލް ޚާން ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ އޭނާ އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން އެމައްސަލައަށް ވަނީ ބައިނަލްއަގުވާމީ ސަމާލުކަން ލިބިފަ އެވެ.

އަދި އޭގެ ފަހުން އިސްލާމްއާބާދު ހައި ކޯޓުން ވަނީ ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ކުރާ ދޮގު ތުހުމަތުތައް ހުއްޓުވޭނެ ގޮތެއް، ދީނަށް ފުރައްސާރަ ކުރުމާ ބެހޭ ގާނޫނުގައި ހިމަނައިދިނުމަށް މަޖިލީހަށް އަންގައިފަ އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ގުޅިގެން ޕާކިސްތާނުގައި 40 މީހެއްގެ މައްޗަށް މަރަން ނުވަތަ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވީ ނަމަވެސް، އެއްވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާ ކަމަށް އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް އިން ބުނެ އެވެ.

ނަމަވެސް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ބަޔެއް ކަމަށް ބުނާ ކަނާތު ފިޔައިގެ ޖަމާއަތްތަކުން ވަނީ 1990ގެ ފަހުން، 69 މީހަކު ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެމީހުން މަރާފަ އެެވެ. އޭގެ ތެރޭގައި ދީނަށް ފުރައްސާރަ ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ގޮވާލި ޕަންޖާބުގެ ގަވަރުނަރަކު ވެސް 2011 ވަނަ އަހަރު މަރާފައިވެ އެވެ. (އަލްޖަޒީރާ)