17 Sep 2017, 12:19
އައްޑޫ ސިޓީގައި ގާއިމް ކޮށްފައި ހުންނަ ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި އެވެ.
ހައިކޯޓުން މިއަދު ބުނީ. ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބާއްވާ ޝަރީއަތްތައް މިއަދުން ފެށިގެން އޮންނާނެ ކަމަށެވެ.
ހައިކޯޓު ދެކުނު ގޮފީގައި ތިބޭ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މި އަހަރު ނިޔަލަށް ނިންމަން ޖެހޭ މައްސަލަތައް ބަލައި ނިންމުމަށް ސުޕްރީމް ކޯޓުން ހައިކޯޓުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ.
މިދިޔަ އޯގަސްޓު މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ހައި ކޯޓުގައި މިއަހަރުގެ މިހާތަން ނުނިމި ހުރި 500 އަށްވުރެ ގިނަ މައްސަލަ ހުރި ކަމަށާއި ގިނަ މައްސަލަތަކަކީ އެ މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައެޅިފައިވާ މައްސަލަތަކެއް ކަމަށެވެ.
އެ މައްސަލަތައް ނުނިމި ހުންނަތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރާ ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގައި ހުންނަ ހައި ކޯޓުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ދެކުނު ގޮފީގެ ފަނޑިޔާރުންނާ އެކު ހައިކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދާއިރު، މިއަދު ތާވަލުކޮށްފައި ވަނީ، ދެ މައްސަލަ އެކެވެ.