މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ހ. ހިލްޓަން އަހްމަދު އާލިފް ރައޫފާއި، ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުއައިދުގެ އިތުރުން ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި، އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ފުލުހުން ވަނީ އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ، އަޙްމަދު އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން މީގެ ކުރިން ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ދެމީހުން ވަނީ ހައްޔަރުން ދޫކޮށްލާފައެވެ.

އާލިފް ރައޫފް އަކީ ރިލްވާން ގެއްލުނު ރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިޔާ އެވެ. އަދި ނޫރައްދީނަކީ، ހުޅުމާލޭގައި އެ ކާރު ގެންގުޅުނު ކަމަށް ބުނާ މީހާ އެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލްވާން ގެއްލުނު ރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.

ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށާއި، ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ އެ މައްސަލާގައި ދައުވާ ލިބޭ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ފުލުހުން ބުނެފައިވެ އެވެ.