ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ މިދިޔަ ހަފްތާގައި އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ކުރެއްވި މަޝްވަރާތަކުގައި އޭޝިޔާ ގައި ޗައިނާގެ ބާރާއި ނުފޫޒު ގަދަވަމުންދާ މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ.

އަބޭއާއި މޯދީގެ މަޝްވަރާތަކަށްފަހު ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި އެދެގައުމުގެ އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ބަދަހި ކުރުމަށް އިސްކަން ދީފައި ވެއެވެ. އަދި އޮސްޓްރޭލިޔާއާއި އެމެރިކާ ގުޅިގެން އިރުމަތީ އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށްވެސް އެއްބަސްވެފައިވެއެވެ. މިއީ އޭޝިޔާގައި ޗައިނާގެ ބާރާއި ނުފޫޒު ގަދަވަމުންދާތީ އެކަމާ ކުރިމަތި ލުމުގެ ގޮތުން ދެބޭފުޅުން ނިންމެވި ވަރަށް މުހިއްމު ނިންމެވުމެއްކަމަށް އިންޑިޔާގެ ނޫސްތަކުން ސިފަކޮށްފައިވެއެވެ.

އިންޑިޔާއާއި ޖަޕާނަކީ ޗައިނާއާ ވާދަވެރި ދެގައުމެވެ. ޖަޕާނަކީ ޒަމާނުއްސުރެ ޗައިނާގެ ހަތުރެކެވެ. އެހެންކަމުން ޖަޕާނާއި ޗައިނާއާ ދެމެދު ދުރުކަމެއް އަބަދުވެސް އޮވެއެވެ. ޖަޕާނަކީ އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީ އާއި މަސައްކަތް ތެރިކަމުގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ އަދި ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމަކަށްވާތީ ޗައިނާއާ ދުރުވެގެން އުޅުމަކީ ޖަޕާނަށް ދަތިކަމަކަށް ނުވެއެވެ.

އިންޑިޔާއަށް ބަލާއިރު އިންޑިޔާއަކީވެސް ޗައިނާގެ ހަތުރެކެވެ. ޗައިނާއާ ވަރަށް ވާދަވެރި ގައުމެކެވެ. ޚާއްސަކޮށް ދެކުނު އޭޝިޔާގެ ސަރަހައްދަކީ ޗައިނާގެ ބާރާއި ނުފޫޒު އެއްގޮތަކަށްވެސް އޮވެގެން ނުވާނެ އިންޑިޔާގެ ޖިއޮސްޓްރެޓީޖިކް ސަރަހައްދެއްގެ ގޮތުގައި އިންޑިޔާ ދެކެއެވެ. ނަމަވެސް ޗައިނާއާ ވާދަކުރުމުގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގާބިލް ކަމެއް އިންޑިޔާގެ ކިބާގައި ނެތެވެ. އިންޑިޔާއަކީ ޗައިނާއާ އަޅާބަލާއިރު ތަރައްގީ އާއި އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގައި ވަރަށް ފަހަތުގައި އުޅޭ ގައުމެކެވެ.

ޗައިނާ ތަރައްގީގައި މިހާރު އޮތް ހިސާބަށް އައުމަށް މަދުވެގެން ވިއްސަކަށް އަހަރު އިންޑިޔާ ބޭނުންވާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ. ނަމަވެސް އިންޑިޔާގައި އޮންނަ ކާސްޓް ސިސްޓަމާއި އާދަކާދަތަކާއި މީހުންގެ ދިރިއުޅުމާއި ކޮރަޕްޝަނާއި ބޯދާ ވިސްނުމާއި ޑިމޮކްރަސީގެ ނިޒާމާއި އިޖްތިމާއީ ކަންކަން އޮތްގޮތުން ވިއްސަކަށް އަހަރު ތެރޭގައިވެސް ޒަމާނީ ތަރައްގީ ގައި ޗައިނާ މިހާރު އޮތް ހާލަތަށް އިންޑިޔާއަށް ދާން ދަތިވާނެއެވެ.

އިންޑިޔާ ޗައިނާއާ ވާދަކުރިނަމަވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އިންޑިޔާ އަދިވެސް އެންމެ ބޮޑަށް ބަރޯސާވަނީ ޗައިނާއަށެވެ. ޗައިނާއިން އިންޑިޔާގެ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް އެތަށް ބިލިޔަން ޑޮލަރެއްގެ ބޮޑެތި ލޯންތައް ދީފައިވެއެވެ. މިއީ އިންޑިޔާއަށް ޗައިނާ އާ އެހާ ވަރުގަދައަށް ނުވަތަ އުދުވާނީ ގޮތެއްގައި ވާދަކުރަން ނުކެރޭ މައިގަނޑު ސަބަބެވެ.

އިންޑިޔާގެ ފަގީރު ކަމާއި އިންޑިޔާގެ ބޮޑުބައި އަދިވެސް އޮތީ އެންމެ ތަރައްގީނުވާ އެފްރިކާގެ ގައުމުތަކުގެ ހާލަތާ އެއްފެންވަރުގައި ކަމަށްވާތީ ތަރައްގީގެ ކަންކަމުގައި އެންމެ ކުދި ގައުމުތަކެކޭ އެއްގޮތަށް އިންޑިޔާ ވަރަށް ބޮޑަށް ޗައިނާއަށް ބަރޯސާވާން ޖެހެއެވެ. މިއީ ޗައިނާ އާ ދެކޮޅަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އުދުވާނީ ވާދަވެރިކަން ނުގެންގުޅޭވޭ މައިގަނޑު ސަބަބެވެ.

ތަރައްގީގެ ކަންކަމުގައި އިންޑިޔާ ޗައިނާއަށް ބަރޯސާ މިންވަރު ކުޑަކުރުމަށް އިންޑިޔާގެ ގައުމީ ވިސްނުމުގެ ފަރާތްތަކުން އިންޑިޔާގެ ސަރުކާރުތަކަށް ބާރުއަޅަމުން ގެންދެއެވެ. ނަމަވެސް ތަރައްގީއަށް އިންޑިޔާ ބޭނުންވާ އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ ހުޅަނގުގެ ގައުމުތަކުން ހޯދުމަކީ މާއުދަނގޫ އަދި މާ ޝަރުތުތައް ބޮޑު ކަމެކެވެ. ހުޅަނގުގެ ކޮންޓްރޯލްގެ ދަށުގައިވާ ބައިނަލްއަގްވާމީ މާލީ މުއައްސަސާތައް ކަމަށްވާ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ބިލިޔަން ޑޮލަރުގެ ލޯންތައް ހޯދުމަކީ ދަތި އުނދަނގޫ ކަމެއްގެ އިތުރުން ޝަރުތުތައްވެސް ބޮޑުކަމެކެވެ. މިކަން ކުޑަކުރުމަށްޓަކައި ނޫނީ ތަރައްގީގެ ކަންކަމުގައި ޗައިނާއާއި ހުޅަނގަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި އިންޑިޔާ މިވަނީ ޖަޕާންގެ އެހީތެރިކަން ހޯދަން ފަށާފައެވެ.

ޖަޕާން ގެ ބޮޑުވަޒީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާވަނީ ވަނީ ޖަޕާނުގެ ލޯން އެހީގައި ހައި ސްޕީޑް ރޭލުގެ ނިޒާމެއްގެ މަސައްކަތް ފަށާފައެވެ. ސަތާރަ ބިލިޔަން ޑޮލަރުގެ މިމަޝްރޫއުގެ އަށްޑިހަ އިންސައްތައަކީ ޖަޕާނުން އިންޑިޔާއަށްދޭ ދިގުމުއްދަތުގެ ލޯން އެހީއެވެ. މިއީ އިންޑިޔާގައި ފަށާ ޒަމާނީ ތަރައްގީގެ މިބާވަތުގެ އެންމެ ފުރަތަމަ މަޝްރޫއެވެ. މިބާވަތުގެ އެތަށް ސަތޭކަ މަޝްރޫއެއް އިންޑިޔާއަށް ބޭނުންވެއެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭ މި މަޝްރޫއު ނިމުމުން ގުޖުރާތުގެ ވެރިރަށް އަހްމަދު އާބާދާއި އިންޑިޔާގެ އިގްތިސާދީ ކެޕިޓަލްކަމަށްވާ މުންބާއި ހައި ސްޕީޑް ރޭލުގެ ނިޒާމަކުން ގުޅާލެވިގެންދާނެއެވެ.

އަހްމަދު އާބާދާއި މުންބާއި ދެމެދު ފަސް ސަތޭކަ ކިލޯމީޓަރު ހުންނައިރު ހައި ސްޕީޑް ރޭލުގައި މިދެސިޓީގެ ދެމެދުގައިކުރާ ދަތުރުތައް ތިންގަޑީއިރަށް އަވަސްވެގެންދިޔުމަކީ އިންޑިޔާގެ އިގްތިސާދަށް އޭގެ ހެޔޮ އަސަރު ވަރަށް ބޮޑަށް ކުރާނެކަމެކެވެ. އިންޑިޔާގައި މިހާރު އޮންނަ އާދައިގެ ރޭލުގެ ނިޒާމުން އަހްމަދު އާބާދާއި މުންބާއި ދެމެދު ކުރާ ދަތުރުތައް އަށްގަޑީއިރަށް ދިގު ދެމިގެންދެއެވެ. އިންޑިޔާގެ ރޭލުގެ ނިޒާމަކީ ސަލާމަތާއި ރައްކާތެރިކަންވެސް ވަރަށް ކުޑަ ނިޒާމެކެވެ.

އިންޑިޔާއަށް ޒަމާނީ ތަރައްގީ ގެނެވޭނީ އެގައުމުގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ޒަމާނީ އިންފްރާސްޓްރަކްޗަރ ގާއިމްކޮށްގެންނެވެ. ހައި ސްޕީޑް ރޭލުފަދަ އިންޑިޔާގެ މަލަމަތި ބަދަލުވެގެންދާފަދަ ޒަމާނީ ތަރައްގީގެ ވަސީލަތްތަކާއި ޒަމާނީ އިންފްރާސްޓްރަކްޗަރ އިންޑިޔާގައި ވަރަށް ކުޑައެވެ. އެހެންކަމުން އިންޑިޔާފަދަ ތަރައްގީގައި ކުރިޔަށް ދެވުމުގެ ފުރްސަތު އޮތް ގައުމަކަށް މިފަދަ ވަސީލަތްތައް އިންތިހާއަށް ވަނީ ބޭނުންވެފައެވެ.

ޖަރުމަނުގެ ޗާންސެލަރ އެންގެލާމާކަލް އެންމެފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގައި ޒަމާނީ ތަރައްގީގެ އިންފްރާސްޓްރަކްޗަރ ބަލިކަށިކަމުގެ ހައިރާންވެ ވަޑައިގެން އެވާހަކަ ދެއްކެވިއެވެ. މާކަލް ގެ ދަތުރުފުޅަށްފަހު ޖަރުމަނުގެ ތަޖްރިބާކާރުން އިންޑިޔާއާބެހޭގޮތުން ތައްޔާރު ކުރެއްވި ރިޕޯޓެއްގައި އިންޑިޔާގެ އިންފްރާސްޓްރަކްޗަރ ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި މަދުވެގެން ހަތްސަތޭކަ ބިލިޔަން ޑޮލަރު ބޭނުންވާކަން ހާމަކޮށްފައިވެއެވެ.

އިންޑިޔާއަކީ ޗައިނާއަށްވުރެ ގުދްރަތީ ގޮތުން މާ މުއްސަނދި ގައުމެކެވެ. ނަމަވެސް އިންޑިޔާގެ ގައުމީ އުފެއްދުންތެރިކަން އުޅެނީ އެންމެ 2.2 ޓްރިލިޔަން ޑޮލަރުގައެވެ. މިއާޚިލާފަށް ޗައިނާގެ ގައުމީ އުފެއްދުންތެރިކަން ވަނީ 13 ޓްރިލިޔަން ޑޮލަރުގައެވެ. އިންޑިޔާ ބޭނުންވާ މިންވަރަށް ޗައިނާއާ ކުރިމަތި ނުލެވޭ މައިގަނޑު ސަބަބަކީ މިއެވެ. އިގްތިސާދާއި ތަރައްގީ ގައި ޗައިނާއަށް ބަރޯސާވާން ޖެހުމެވެ.