އޯޓިޒަމް ބައްޔާ ބެހޭ ގޮތުން ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު، ނައިބު ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާއަށް އަރުވައިފި އެވެ.

ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނުން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، އިލްހާމް ޙުސައިން، ޝައިޚް ޙަސީނާއާ ބައްދަލު ކުރައްވައި އެރުއްވި އިރު އޯޓިޒަމް ބަލީގެ ކުދިންނަށް، އެކުދިންގެ ޅަފަތުގައި ފަރުވާ ދިނުމާއި، މިބަލީގެ ހޭލުންތެރިކަން އިތުރުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޝައިޚް ޙަސީނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އޯޓިޒަމްގެ ބައްޔަށް ދޭ އަހަންމިއްޔަތު ފާހަގަކުރައްވައި، ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަންގެ ރައީސާގެ ހައިސިއްޔަތުން އިލްހާމް ޙުސައިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރެއްވި އެވެ.

ނައިބު ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބަންގްލަދޭޝަށް ކުރެއްވެވި ދަތުރުފުޅަކީ، އޯޓިޒަމާ ބެހޭގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.

އޯޓިޒަމް އަކީ ކުއްޖާ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދި ބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. އޯޓިޒަމް އަކަށް މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ