އުރީދޫ ޕްރިމިއަރ ލީގުގައި އއ. މާޅޮސްގެ މައްޗަށް ކުރި ހޯދައި ގްރީން ސްޓްރީޓުން ލީގުގެ ތިން ވަނަ މަގާމަށް ޖެހިލައިފިއެވެ.

ރޭ ކުޅުނު މެޗުގައި ގްރީން އިން މާޅޮސްގެ މައްޗަށް ކުރި ހޯދީ 0-5 ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ގްރީން ސްޓްރީޓްސް އަށް ތިން ވަނަ ލިބެނީ ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ލަނޑުން އެއްވަރުވި ނަމަވެސް ޖެހި ގޯލަށް ބަލައިގެން އެ ޓީމަށް ކުރި ލިބޭތީ އެވެ.

ގްރީން ސްޓްރީޓްސް 10 ލަނޑު ޖަހައިގެން ފައިދާ ފަސް ލަނޑު އޮތްއިރު، ނިއު އަށް ވެސް ފައިދާ ފަސް ގޯލު އޮތް ނަމަވެސް އެ ޓީމަށް ޖެހިފައިވަނީ އެންމެ އަށް ލަނޑެވެ.

މެޗު ފަށައިގެން މާގިނަ އިރުތަކެއް ނުވެ ގްރީން ސްޓްރީޓްސްއަށް މެޗުގެ 10 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އިބްރާހިމް ރިޒުހާން އެވެ. އޭގެ ހަތް މިނިޓް ފަހުން އޭރިއާ ތެރެއިން ރިޒުހާން ފޮނުވާލި ބޯޅަ ކީޕަރު ޒަމީރު ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭރިއާތެރެއިން އައްމަޑޭ ނަގައިދިން ހުރަހަކުން ނިޒާމްބެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒަމީރު ފައިގައި ޖެހިފައި ގޯލުގެ ދަނޑީގައި ވެސް ޖެހިފަ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ގްރީންގެ ތިން ވަނަ ލަނޑު ޖެހީ ޕެޓްރޯ ކޮވަލްޗަކް އެވެ. އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ލަނޑު ޖަހައިދިން ނިޒާމްބެ އެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝާމިސް (ތޮއްޕޭ) އެވެ. އޭނާ މި ލަނޑު ޖެހީ މުހުތާރު ނަސީރު (ޓޫކިލޯ) ދިން ބޯޅަ އަކުންނެވެ.

ރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ގްރީން ސްޓްރީޓްސްގެ ފަރުހާދު އިސްމާއިލް (ފަރޭ) އާއި މުހައްމަދު ޝައްފާޒު (ސައްޕޭ) އަދި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބޮލް އިލިއާ ނުކުޅެ އެވެ. ލީގުގައި އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ ސޮބޮލް އަށްދެއްކި ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލިއިރު، މުބާރާތް ހިންގާ ކޮމިޓީން ވަނީ އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައިފައެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އާއިލީ ކަމެއްގެ ސަބަބުން ބެންޗުން ނުފެނުނު އިރު އޭނާގެ ބަދަލުގައި ބެންޗުން ރޭ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.