17 Sep 2017, 07:39
މިއީ މިޔަންމާގެ ކުޑަ ފިރިހެން ކުއްޖަކު ގުނަމުންދާ އެކަނިވެރި، ހިތްދަތި ދުވަސްތަކުގެ ވާހަކައެވެ. އުމުރުން އެންމެ ބާރަ އަހަރުގެ ޖާޝިމް އޭނާ ދިރިއުޅުނު މިޔަންމާގެ ރާކިން ސްޓޭޓް ދޫކޮށް ބަނގުލަދޭޝަށް އެތެރެވީ މީގެ 13 ދުވަސް ކުރިންނެވެ.
މިފަހުން ރޮހިންގާ މުސްލިމުންނަށް ހަމާލާތައް ދޭން ފެށުމުގެ ކުރިން ޖާޝިމް ދިޔައީ ސްކޫލުގައި ކިޔަވަމުންނެވެ. އިނގިރޭސި މާއްދާއަށް ލޯބިކުރާ ޖާޝިމް ބޭނުންވީ އިނގިރޭސިބަސް ރަނގަޅަށް ދަސްކޮށް ރޮހިންގާގެ މުސްލިމުން އުޅޭ ނިކަމެތި ހާލު މުޅި ދުނިޔެއަށް އަންގައިދޭށެވެ. ޖާޝިމްގެ ތައުލީމީ ހަޔާތް މަޑުޖެހިފައިއޮތް ކަމުގައިވިޔަސް އަދިވެސް އޭނާގެ އަޒުމު ހުރީ މޮޅަށް ކިޔަވައިގެން ޓީޗަރަކަށްވުމަށެވެ.
މިޔަންމާ ސިފައިންގެ އަނިޔާވެރި، މިލިޓަރީ އޮޕަރޭޝަން ފެށުމުން ރޮހިންގާގެ އެހެންމީހުންނެކޭ އެއްގޮތަށް ޖާޝިމަށް ވެސް މަޖުބޫރުވީ ފިލައިގެން ދާށެވެ. މިޔަންމާ ސިފައިންގެ އެތައް ބަޔަކު ރޮހިންގާގެ މީހުންގެ ގަޔަށް ބަޑިޖަހައި ގެތަކުގައި އަލިފާންޖަހާތަން އޭނާގެ ލޯ ކުރިމަތީގައި ފެނުމުން ގައިން ހީބިހި ނަގައިގެންދިޔަކަމަށް އޭނާ ބުންޏެވެ.
ޖަންގަލީގައި ހޭދަކުރި އުނދަގޫ ދަތި ތޭރަ ދުވަހަށް ފަހު ޖާޝިމަށް އެންމެފަހުން ބަނގުލަދޭޝަށް ވަދެވުނެވެ.
މިޔަންމާ ދޫކޮށް ބަނގުލަދޭޝަށް އެތެރެވުމަށް ޖާޝިމް ކުރީ އުނދަގޫ ދިގު ދަތުރެކެވެ. ބޮޑެތި ފަރުބަދަތަކާ ކުދިކުދި ފަރުބަދަތަކާއި ކޯރުތައް ހުރަސްކުރުން ވެގެން ދިޔައީ ޖާޝިމަށް ފަސޭހަކަމަކަށް ނޫނެވެ. އަދި ބަނގުލަދޭޝްގެ ބޯޑަރު ކައިރީގައި މިޔަންމާ ސިފައިން މައިން ވަޅުލައިފައި ހުރުމުގެ ސަބަބުން އެ ސަރަހައްދު ހުރަސް ކުރަންޖެހުނީ ވަރަށް ބަލައިގެންނެވެ.
ޖާޝިމްއާއެކު އެ ދިގު އުނދަގޫ ދަތުރުގައި އޭނާގެ މަންމަ ބައިވެރިވިއިރު ބައްޕަ އެދަތުރުގައި ބައިވެރިއެއް ނުވެއެވެ. ޖާޝިމްގެ ބައްޕަ އިސްކަންދިނީ ފުރަތަމަ އޭނާގެ އާއިލާގެ އެހެންމީހުން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭތޯއެވެ. އަދި ބަނގުލަދޭޝަށް އެތެރެވުމުން ޖާޝިމްގެ ބައްޕަވެސް ފަހުން އެމީހުންނާ ގުޅޭނެކަމަށް ބުންޏެވެ. ނަމަވެސް ބަނގުލަދޭޝަށް އެތެެރެވީފަހުން މިވީހާތަނަށްވެސް ޖާޝިމްގެ ބައްޕަގެ އެއްވެސް ހަބަރެއް ނުވާއިރު ބައްޕަ ދުނިޔޭގައި ހުރިކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެެެވެ.
ސިފައިން ބައްޕަ މަރާލީ ނުވަތަ މައިނެއްގައި ޖެހިގެން ބައްޕަ މަރުވީތޯ އެއީ ޖާޝިމްގެ ސިކުނޑީގައި އެނބުރެމުންދާ ސުވާލެވެ. އެކަމާ ވިސްނާ ވިސްނާ ޖާޝިމްގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ.
ބަނގުލަދޭޝް ކިތަންމެ އަމާން ވިޔަސް އުޅޭނެ ގެއެއް ނެތްއިރު ތެތް ބިންގަނޑުގެ މަތީގައި ނިދުމަކީ ޖާޝިމަށް ވަކި ފަސޭހަކަމެއް ނޫނެެވެ.
ރޮހިންގާގެ އެހެން މުސްލިމުންނެކޭ އެއްގޮތަށް ކުޑަކުޑަ ޖާޝިމްވެސް ބޭނުންވަނީ މިޔަންމާގެ ރައްޔިތުންގެ ގޮތުގައި އެމީހުން ބަލައިގަތުމެވެ. އެހެން ވެއްޖެނަމަ ކިތަންމެހާވެސް އުފާ ވެރިއެވެ. އެއީ ޖާޝިމްވެސް މުޅި ދުނިޔެއައަށް އަންގައިދޭން ބޭނުންވާ މެސެޖެވެ.