ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންނާ ރޭ ދަންވަރު ގުރޫޕަކުން ދިމާކޮށް ޖިސްމާނީ ގޮތުން އަނިޔާކޮށްފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގާ ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަން )އެސްއެޗްއެސްސީ( މެނޭޖިން ޑިރެކްޓާ ނޫރުﷲ ސައީދު މިއަދު ވިދާޅުވީ ރޭ 11:15 އެހާކަށް ހާއިރު އެ ހޮސްޕިޓަލްގެ ފަސް ނަރުސް ކުއްޖަކު ޑިއުޓީއަށް އައި މަގުމަތީގައި ގުރޫޕަކުން ދިމާކޮށް އެ ކުދިންނާއި ޖިސްމާނީ ގޮތުން "ބެހިފައިވާ" ކަމަށެވެ. އެ ކުދިންނާއި ބެހެން އުޅުމުގެ ތެރޭގައި އެއް ނަރުހެއްގެ ފަޔަށް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އެތަނުން އެކެއްގެ ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް އުޅޭ. ބޮޑަށް ހީވަނީ އެތަނުން އެއްކުއްޖަކު ބިރުން ދުއްވައިގަތްތަނުން ވެއްޓިގެން ވީ ޒަހަމްތަކެއްހެން އެއީ. އެ ބެހުނު މީހުން ތިބީ އަސްލު ހަމައިގައި ނޫންކަމައްވަނީ. ކޮންމެހެން ނަރުހުންނަށް ވެގެނެއް ނޫން އެމީހުންނާއި ބެހުނީ،" ސައީދު ވިދާޅުވި އެވެ.

އެ ހާދިސާއަށް ފަހު ނަރުހުންނަށް ނަފްސާނީގޮތުން ގެއްލުންވެފައިކަމައް ވެސް ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކުންދިންނާއި ބައްދަލުކޮށް ހޮސްޕިޓަލުން ދެވެން އޮތް ސެކިއުރިޓީއެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

"އެކުދިންނާއި އަޅުގަނޑު ބައްދަލުކޮށްފައި މިކޮޅުން ދެވެން އޮތް ރައްކާތެރިކަމެއް ދޭނެ ވާހަކަ ބުނެފައިވާނީ. އެކުދިން މިގޮތަށް އައިސް ރާއްޖޭގައި އުޅޭއިރު އަޅުގަނޑުމެން މުޖުތަމައުން މިފަދަ ކަންކަން ދިމާވަންޏާ އެފަދަ މީހުން އަޅުގަނޑުމެންނަށް ހޯދަން ވަރަށް އުދަގޫވޭ،" ސައީދު ވިދާޅުވި އެވެ.

ހޮސްޕިޓަލުން މިހާރު ވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ. ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ނަރުސް ކުއްޖެއްގެ ގަޔަށް މަގުމަތިން ބަޔަކު އަތްލި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.