16 Sep 2017, 18:53
"ކޯކް ޓު ހޯމް" ގެ ނަމުގައި ކޮކާކޯލާ ކޮންޕެނީ އިން މުޅިން އައު އެޕްލިކޭޝަނެއް ތައާރަފް ކޮށްފިއެވެ.
މިއަދު ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެޕެލިކޭޝަން އިފްތިތާހް ކޮށްދެއްވީ، ޑެޕިއުޓީ މިނިސްޓާ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އާދަމް ތައުފީގެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ، ވިދާޅުވީ މިއަދު އިފްތިތާހް ކުރި އެޕްލިކޭޝަނަކީ ކޮކާކޯލާ ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ރަނގަޅުގޮތުގައި ބެނުންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށެވެ.
މިލިންދް ވިދާޅުވީ އޯޑަރު ކުރުމަށް ދެން ގުޅަން ނުޖެހޭނެ ކަމަށާއި ކިއުގައި ނުހުރެ އެޕްލިކޭޝަން ބޭނުންކޮށްގެން ފަސޭހަކަމާއެކު ކޮކާކޯލާ ކުންފުނީގެ ހުރިހާ އުފެއްދުންތަކަށް އޯޑަރު ކޮށްލެވޭނެ ކަމަށެވެ.
"އިފްތިތާހް ކުރެވިގެންދިޔަ އެޕްލިކޭޝަން ބޭނުންކޮށްގެން ކޮކާކޯލާ ކުންފުނީގެ ހުރިހާ އުފެއްދުންތަކެއް ބޭނުންވާ ތަނަކަށް އޯޑަރު ކުރުމުން 24 ގަޑީއިރުގެ ތެރޭގައި ޑެލިވަރީ ކޮށްދޭނެ" މިލިންދް ވިދާޅުވިއެވެ.
ގޫގުލް ޕެލޭސްޓޯރް އަދި އެޕްސްޓޯރް އިންވެސް މިހާރު އެ އެޕްލިކޭޝަން ލިބެން ހުނާނެކަމަށް ކޮކާކޯލާ ކުންފުނިން ބުންޏެވެ. އެ އެޕްލިކޭޝަން ބޭނުންކޮށް އޯޑަރު ޑެލިވާކޮށްދެނީ ހަމައެކަނި މާލޭ ސިޓީއަށް އެކަނިކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށް މަސައްކަތް ކުރާކަމަށް ކޮކާކޯލާ ކުންފުނިން ބުންޏެވެ.