މާލޭ ސިޓީކައުންސިލްގެ އިދާރާ އާއި މާލޭ ސިޓީ ހޯލް މިއަދު ހުޅުވައިފި އެވެ. މަޖީދީ މަގުގައި ކުރިން ކުތުބުހާނާ ހިންގި ބިއްލޫރިޖެހި ގޭގައި މިއަދު މާލޭ ސިޓީކައުންސިލްގެ އިދާރާ އާއި ސިޓީ ހޯލް ހުޅުވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

މާލޭ ސިޓީ ހޯލާއި ސިޓީ ކައުންސިލްގެ އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު މައިޒާން އަލިމަނިކު )އަލިބެ( ވިދާޅުވީ މާލޭގެ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ރަނގަޅު ޚިދުމަތްތަކެއް ދޭން ކުރަން ޖެހޭ މަސައްކަތްތައް ސިޓީކައުންސިލުން ކުރާ ކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އަށް ދާއިރާއަކަށް ބަހާލައިގެން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭސިޓީގައި ދިރިއުޅޭ މީހުންނަށް ސިޓީކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އަތްފޯރާ ފަށަށް ގެނައުމުގެ މަސައްކަތް ކުރަން ސިޓީކައުންސިލް ތައްޔާރަށް އޮތް ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް އަތްފޯރާ ފަށަށް ގެނައުމުގައި ހިތްވަރާ އެކީ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް، މިކަމުގައި ދިމާވާ ހުރިހާ ގޮންޖެހުން ތަކަކާއި ހުރަސްތަކެއް ގިރާކޮށް އަޅުގަނޑުމެން ކުރިއަށް ދާނަން ،" އަލިބެ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބިމުން އެކި އެކި ވިޔަފާރި އާއި މުއާމަލާތްތައް ހިންގައި މާލޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައި ދިނުމަކީ ސިޓީކައުންސިލުން ކޮންމެހެން ކުރަން ޖެހިފައިވަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ބިމަކީ އަގުހުރި ރައުސްމާލެއް ކަމަށާއި އެބިން ބޭނުން ކޮށްގެން މާލޭގެ ރައްޔިތުންނަށް މިހާރަށް ވުރެ މާ ތަނަވަސް ދިރިއުޅުމެއް ހޯދައި ދެވިދާނެ ކަމަށެވެ.

" މާލޭގެ ބިމަކީ އަގުބޮޑު ބިމެއް، މާލޭގެ ބިމުގެ ފައިދާ މާލޭގެ އެންމެހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ބޭނުން ކުރެވޭނެ، މިބިމުގެ ބޮޑު ރައުސްމާލް ބޭނުންކޮށްގެން މާލޭގެ ރައްޔިތުންނަށް މިއަށްވުރެ މާ ރަނގަޅު ދިރިއުޅުމެއް ހޯދައި ދެވޭނެ ކަމީ އިގުތިސާދީ ކުޑަކުޑަ އިލްމަކާ އެކީގައި ވެސް އަޅުގަނޑުމެންނަށް މިއަދު ސާފުވެފައި އޮތް ކަމެއް، " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަކީ ރާއްޖޭގެ އެންމެންގެ ރަށެއް ކަމަށާއި މާލޭގެ ބޮޑު މިނަކީ ހަމަ އެކަނި މިހާރު އޮތް ބިން ނޫން ކަމަށެވެ. ކުޑަކަޅިން )ހުޅުމާލޭ ފަޅުން( ފެށިގެން ގިރާވަރު އުތުރު ކަނޑާ ހަމައަށް )ތިލަފުށީ ކޮޅަށް( އެއީ މާލޭގެ ބިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ސިޓީއެއް ވެސް އަދި އެއްވެސް ސަރުކާރެއް ވެސް ރައްޔިތުންގެ އަތުން ފައިސާ ނުހޯދައި ނުހިންގޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންނަށް އަންގައި ދިނީމާ ޓެކްސްގެ ގޮތުގައި ވެސް އަދި އެހެން ގޮތް ގޮތުން ވެސް ރައްޔިތުން ސަރުކާރަށް ފައިސާ ނުދޭނެ ގޮތެއް އޮތްކަމަށް ފެނިވަޑައި ނުގަންވަނާ ކަމަށެވެ.