16 Sep 2017, 14:43
'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' (އާރުޓޫޕީ)ގެ އުސޫލުގެ ނަމުގައި އދ.ގެ އާންމު ޖަލްސާގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރި ނުވީ ގައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ގައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އިއްޔެ އދގެ އާންމު ޖަލްސާގައި ނެގި ވޯޓަކީ ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ.ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަނުގައި ބަހުސް ކުރުމަށް ހިމެނުމަށް ނެގި ވޯޓެއް ކަމަށެވެ.
އެ ވޯޓަކީ އާރު ޓޫފީގެ އުޞޫލުގެ ނަމުގައި ގައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ގައުމުތަކުން ވަންނަން ފުރުޞަތު ދެވޭ ވޯޓެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެން ކަމުން އެފަދަ ގޮތަކަށް ނެގޭ ވޯޓުތަކުގައި ރާއްޖެ އިން ބައިވެރި ނުވުމަށް ނިންމާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައިވެ އެވެ.
އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، "ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އދ.ގައި 15 ސެޕްޓެމްބަރު 2017ގައި ވޯޓެއް ނެގި ކަމަށާއި އަދި އެވޯޓުގައި ދިވެހިރާއްޖޭން ބައިވެރިނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއް" ކަމަށެވެ. އަދި އިއްޔެ ނެގުނު ވޯޓަކީ ރޮހިންޔާ މުސްލިމުންނާ ބެހޭ ގޮތުން ނެގުނު ވޯޓެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައެއްވެސްނުވޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެ އިން އަބަދު ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތަކެއް ކަމަށާއި ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެ އިން އދ.ގައި މިމަހުގެ ތެރޭގައި ވެސް ގޮވާލާފައި ވާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.