މޯލްޑިވްސް ޓްރެވަަލް އެވޯޑްސް 2017 ގެ ސްޓެރެޓެޖިކް ޕާޓްނަރަކަށް ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ސައިޓް ކަމަށްވާ ޓްރިޕް އެޑްވައިޒާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ މަކާއޯފެ ޕަޓާ ޓްރެވަލް މާޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރިޕް އެޑްވައިޒާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރިޕް އެޑްވައިޒާގެ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން އޭޕީއޭސީ، ސަރަހް މަތިއުސް އެވެ. އަދި މަޓާޓޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ޕްރެޒިޑެންޓް އަބްދުﷲ ގިޔާސް ރިޔާޒް އެވެ.

ސޮއިކުރި އެއްބަސްވުމުގެ ދަށުން މަޓާޓޯ އެޥޯޑްސް ގެ މިންގަނޑުތައް ކަނޑައެޅުމުގައި ޓްރިޕް އެޑްވައިޒާގައި މީހުންގެ ރޭޓިން ތަކުގެ ޑޭޓާ ބޭނުންކުރެވިގެންދާނެއެވެ.

މަޓާޓޯއިން ބުނީ މަޓާޓޯ ޓްރެވަލް އެވޯޑް ލިބޭ ފަރާތްތައް ހޮވާނީ އިންސާފާއި ހަމަހަމަ ކަމުގެ ތެރެއިން އެންމެ ރަނގަޅަށް ބަލާފައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެވޯޑް ލިބޭ މީހުން ހޮވުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެކަމަށް މަޓާޓޯއިން ބުންންޏެވެ.

މަޓާޓޯ ޓްރެވަލްސް އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގޭ އެންމެ ކާމިޔާބު އެއް އެޥޯޑެވެ. މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޖުމްލަ ތިން އެވޯޑު ހަފްލާއެއް މިއަހަރު އޮވެއެވެ. އޭގެ ތެރެއިން ފުރަތަމަ އިވެންޓް، މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ޖުލައި މަހު ވަނީ ބާއްވައިފައެވެ. ދެން އެންމެ އަވަހަށް އޮންނާނީ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެވެ. އެއަށްފަހު އޮންނާނީ ނޮވެމްބަރު މަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ޓްރެވަލް ކޮންފަރަންސް، އަދި އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި، މޯލްޑިވްސް ޓްރެވަލް އެވޯޑްްސްގެ ގާލާ އިވެންޓެވެ.